މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝާހިދު އެ މަގާމުން ވަކިކޮށްފިއެވެ. ޝާހިދު މަގާމުން ވަކިކުރަން ނިންމާފައިވަނީ ރޭ ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމެއްގައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ޑީއެމްޑީގެ މަގާމަށް އައްޔަންކުރި ޝާހިދު ވަކިކުރީ ސަރުކާރުން އެދިގެން ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. އެމްޑަބްލިއުއެސްސީގައި ޝާހިދުގެ އިތުރުން ދެން ޑީއެމްޑީގެ މަގާމު ފުރުއްވަނީ އަބްދުއްސަލާމް މުހައްމަދެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަށްފަހު ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް ދަނީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ނަޖާހު އާއި އެގްރޯނެޓްގެ އެމްޑީ ހުސައިންދީދީ ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އެމްޕީއެލްގެ އެމްޑީ މުހައްމަދު ރިޝްވާން ވަނީ ސަރުކާރުން އެދިގެން މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ކުންފުނިތަކުގެ އިތުރުން ސަރުކާރުން ވަނީ ހާރިޖީ ދާއިރާގެ ބައެއް އިސް މަގާމުތަކަށް ވެސް ބަދަލު ގެނެސްފައެވެ. އޭގެ ތެރޭގައި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފާއި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރުން ހިމެނެއެވެ.


