Tuesday, 28 July 2026
ސަލްމާއާއިމުންދު: ފޭސްބުކް/ސޯޝލްމީޑިއާ

ޔޫއޭއީގެ ސަފީރު މުންދު އާއި ޖެނީވާގެ މަންދޫބު ސަލްމާ މަގާމުން ވަކިކޮށްފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަ އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިއަދު މަގާމުން ވަކިކޮށްފިއެވެ.

މި ދެ ބޭފުޅުންގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސެއިން ޝަރީފް ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މަގާމުން ވަކިކުރި މުންދު އާއި އައިމިނަތަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދެ ދަރިންނެވެ. އަދި ޑރ. ސަލްމާ ރަޝީދަކީ އަސްމާގެ ކޮއްކޮއެވެ.

ސަރުކާރުން މި ފިޔަވަޅު އަޅާފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ ރަޝީދު މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް މީސްމީޑިއާގައި ލީކުވެފައިވާ ދަނޑިވަޅެއްގައެވެ. މުންދު އާއި ސަލްމާ އަދި އައިމިނަތަށް މި މަގާމުތައް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ ކުރީކޮޅުގައެވެ.

ނިމިދިޔަ އިންތިހާބުގައި މާފަންނު މެދު ދާއިރާގެ ކައުންސިލް ގޮނޑި އާއި އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ވެސް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ. ކައުންސިލް ގޮނޑި އެމްޑީޕީގެ އައިޝަތު ހަންނާހު 941 ވޯޓުން ކާމިޔާބު ކުރިއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ 569 ވޯޓެވެ.

މީގެ އިތުރުން މިއަދު ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް މަގާމުން ވަކިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *