ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ށ. ކޮމަންޑޫ، މޫސާ ރަމީޒު ނިޔާވުމާ ގުޅިގެން، އޭނާގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވާލުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޫސާ ރަމީޒަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާއާއި ޚާއްޞަ މަޖިލިސްގެ އިތުރުން، ތަފާތު އެކި މަގާމުތަކުގައި މުހިންމު އަދި އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. ވަޒީރު ވަނީ މޫސާ ރަމީޒު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.
މޫސާ ރަމީޒުގެ ސިފަތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، "މަރުހޫމު މޫސާ ރަމީޒަކީ ކުޅަދާނަ ހިންގުންތެރިއެއް ކަމަށާއި، މުވައްޒަފުންނާއި ވެރިންގެ އިތުބާރާއި ލޯބި ހޯއްދެވި ވެރިއެއް" ކަމަށެވެ.
މި ދަފުތަރު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ތައުޒިޔާގެ ދަފުތަރު ބާއްވާނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގައެވެ.
މި ދަފުތަރުގައި ސޮއިކުރުމުގެ ފުރުސަތު އޮންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށެވެ. އަތޮޅުތައް ހިންގުމުގެ ދާއިރާއާއި ދައުލަތުގެ އެކި ރޮނގުތަކުން ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި މޫސާ ރަމީޒު ނިޔާވުމާ ގުޅިގެން، ކަމާބެހޭ ވުޒާރާއިން ވަނީ މަރުހޫމުގެ ފުރާނައަށް ހެޔޮ ރަހުމަތްލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށްފައެވެ.


