އޮންލައިންކޮށް މުދާ ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގަމުންދާ އައު ބާވަތެއްގެ ސްކޭމަކާ ގުޅިގެން އާންމުން ސަމާލުވުމަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އައު އުކުޅެއްގެ ގޮތުން "ރިޕެއާ ސްކޭމް" ކިޔާ އަމަލެއް ހިންގަމުންދާކަމަށާއި މިއީ އޮންލައިން ވިޔަފާރީގެ ތެރެއިން މީހުންގެ އިތުބާރު ހޯދައިގެން ފައިސާ ފޭރުމަށް ރާވައިގެން ހިންގާ އަމަލެއް ކަމަށެވެ.
އައު ސްކޭމްގައި ސްކޭމަރުން އެންމެ ފުރަތަމަ އަމާޒުކުރަނީ ފޭސްބުކް މާކެޓްޕްލޭސްގައި ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެއްޗަށެވެ. އެއަށްފަހު، އެ މުދަލެއް ވިއްކި ފަރާތަށް ގުޅައި ނުވަތަ މެސެޖުކޮށް، އެ މުދަލަކީ އެ މީހުން މަރާމާތުކުރި އެއްޗެއް ކަމަށް ބުނެ އޮޅުވާލައިގެން އިތުބާރު ހޯދައެވެ. މިގޮތަށް އިތުބާރު ހޯދުމަށްފަހު، މުދާ މަރާމާތުކޮށް ނިންމާފައިވާ ކަމަށް ބުނެ، އެކަމުގެ އުޖޫރަ ނުވަތަ ރިޕެއާ ފީ ދެއްކުމަށް ސްކޭމަރުން ބުނެއެވެ. އަދި ބައެއް ފަހަރު މީހުންނަށް އޮޅުވާލުމަށްޓަކައި ފޭކް ރިސިޕްޓް ނުވަތަ އިންވޮއިސް ވެސް ތައްޔާރުކޮށްގެން ފޮނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިފަދަ ސްކޭމަކުން ސަލާމަތްވުމަށްޓަކައި، ކުރިން ނުދަންނަ ބަޔަކަށް އެއްވެސް ހާލަތެއްގައި ފައިސާ ނުފޮނުވުމަށާއި، ތިމާ އަމިއްލައަށް މަރާމާތުކުރަން ހަވާލުނުކުރާ މީހަކު ފައިސާއަށް އެދުނު ކަމުގައިވިޔަސް އެއްވެސް ފައިސާއެއް ނުފޮނުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން ކަށަވަރުކުރުމާއި، ޒާތީ މައުލޫމާތު ހިއްސާނުކުރުމަކީ ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.
ފުލުހުން އިތުރަށް ބުނީ، ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާތީ، މިފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ. މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ reportscam@police.gov.mv އަށް އީމެއިލް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.


