Tuesday, 28 July 2026
އިންޑިއާގެ އަސްކަރީ މަނަވަރު އައިއެންއެސް ސުނައިނާ މާލެއަށް ބަނދަރުކުރުން -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

އިންޑިއާގެ އަސްކަރީ މަނަވަރު އައިއެންއެސް ސުނައިނާ މާލެއަށް ބަނދަރުކޮށްފި

އިންޑިއާގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތާއި 'މަހާސާގަރު' ތަޞައްވުރުގެ ދަށުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ އައި.އޯ.އެސް ސާގަރު އިސްނެގުމުގެ ދަށުން އިންޑިއާގެ އަސްކަރީ މަނަވަރު އައިއެންއެސް ސުނައިނާ މިއަދު މާލެއަށް ބަނދަރުކޮށްފިއެވެ.

ސަރްޔޫ ކްލާސްގެ އޮފްޝޯ ޕެޓްރޯލް އުޅަނދެއް ކަމަށްވާ މި މަނަވަރު މާލެއަށް ބަނދަރުކުރުމުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ އަސްކަރީ ޝަރަފާއެކު މަރުހަބާ ކިޔާފައެވެ. މި މަނަވަރުގައި އިންޑިއާގެ އިތުރުން އެކުވެރި 16 ޤައުމެއްގެ އަސްކަރީ ފަރާތްތައް ހިމެނޭ މަލްޓިނޭޝަނަލް ކޮންޓިންޖެންޓެއް ހަރަކާތްތެރިވަމުންދެއެވެ.

މާލެއަށް ބަނދަރުކުރުމުގެ ކުރިން، އައިއެންއެސް ސުނައިނާ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުތައް ގުޅިގެން ވަނީ ކަނޑުމަތީގެ ވަރުގަދަ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނުތަކުގެ ތެރޭގައި ޓެކްޓިކަލް ސްޓޭޝަން ކީޕިންގ، އެޑްވާންސް ސިގްނަލިންގ، އަދި ކުދި ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނުތައް ހިމެނެއެވެ. މީގެ އިތުރުން، ޑޭމޭޖް ކޮންޓްރޯލް އަދި ފަޔަރ ފައިޓިންގ ޑްރިލްތައް ވެސް ވަނީ ފުރިހަމަކޮށްފައެވެ.

މި ޒިޔާރަތުގައި ތިން ދުވަހުގެ މުއްދަތަށް މާލޭގައި މަޑުކުރުމަށް ހަމަޖެހިފައިވާއިރު، މި މުއްދަތުގައި ދެ ޤައުމުގެ އަސްކަރީ މާހިރުންގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ ސެޝަންތައް ކުރިއަށްދާނެއެވެ. މިއީ ކަނޑުމަތީގެ ހާލަތްތައް ދެނެގަތުމާއި، ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ފުރުސަތެކެވެ.

މިއީ އައިއެންއެސް ސުނައިނާގެ 50 ދުވަހުގެ ދިގު ދަތުރުގައި ބައިނަލްއަޤުވާމީ ބަނދަރަކަށް ކުރާ ފުރަތަމަ ޒިޔާރަތެވެ. އިންޑިއާ ހައިކޮމިޝަނުން ބުނިގޮތުގައި މި ޒިޔާރަތުން ރަމްޒުކޮށްދެނީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ސަލާމަތީ ކަންކަމުގައި އިންޑިއާ އަދާކުރާ މުހިންމު ދައުރާއި، ދިވެހިރާއްޖޭގެ ސަލާމަތާއި ތަރައްޤީގައި އިންޑިއާއަކީ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި ދެމިއޮތް އޮތުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *