މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދި މި ކުންފުނިން ބޭސް އެތެރެކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގައެވެ. ޝާހު ފާހަގަކުރެއްވި ގޮތުގައި އަލަށް ތައާރަފުކުރާ ސިސްޓަމްގެ ސަބަބުން ރާއްޖޭގައި ހުރީ ކޮން ބޭހެއްކަމާއި، އެ ބޭސް ހުރީ ކޮން ފާމަސީއަކުން އަދި ކޮން މިންވަރަކަށް ކަން ވަގުތުން ބަލާލެވޭނެއެވެ. މިއީ ބޭސް ނުލިބިގެން އާންމުން ކުރާ ޝަކުވާތަކަށް ލިބޭނެ ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ބޭނުންކުރަމުންދާ ނިޒާމުގެ ތެރެއިން ބައެއް ފަހަރު ޑޮކްޓަރުންނަށް ވެސް ބާޒާރުގައި ހުރި ބޭސްތަކުގެ މައުލޫމާތު ސާފުނުވާކަން ޝާހު ފާހަގަކުރެއްވިއެވެ.
"އެ ސިސްޓަމް އައީމަ އަޅުގަނޑުމެނަށް އިނގޭނެ ރާއްޖޭގައި ހުރީ ކޮން ބޭހެއްތޯ. ކޮން ކުއަންޓިޓީއެއްގައިތޯ ހުރީ. ކޮން ފާމަސީއެއްގައިތޯ ހުރީ،" ޝާހު ވިދާޅުވިއެވެ. މި އާ ނިޒާމުގެ ސަބަބުން ޑޮކްޓަރުން ބޭސް ސިޓީ ލިޔާއިރު ވެސް ބޭސް ލިބެން ހުރިތޯ ކަށަވަރުކުރުމަށް ފަސޭހަވެގެންދާނެއެވެ.
ބޭސް ކުންފުނިން މިހާރު ވެސް ވަނީ ބޭސް ހޯދުމުގެ ކަންކަން ފަސޭހަކުރުމަށްޓަކައި ހާއްސަ ޕޯޓަލަކާއި ހޮޓްލައިނެއް ތައާރަފުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ބޭހަށް ކުރާ ބޮޑު ހޭދައާ އެއްވަރަށް، ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލައި، އިތުބާރު ހުރި ނިޒާމެއްގެ ތެރެއިން ބޭސް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.


