ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސްކޫލުގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް ބޭނުންވާ މުހިންމު ސާމާނުތައް ތަޢުލީމީ ވުޒާރާއިން ފޯރުކޮށްދީފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމްގެ އިތުރުން އެއް ކިލާސްރޫމް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ޙާދިސާ ހިނގިތާ 24 ގަޑިއިރު ނުވަނީސް ތަޢުލީމީ ވުޒާރާގެ ޓީމެއް އެ ރަށަށް ގޮސް ސްކޫލުގެ ޙާލަތު ބަލާފައިވާއިރު، ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި މިހާރު ވަނީ އެއަރ ކާގޯ މެދުވެރިކޮށް ފޮނުވާފައެވެ. އޭގެ ތެރޭގައި 10 ކޮމްޕިއުޓަރު ސިސްޓަމާއި، 3 ޕްރިންޓަރު އަދި 15 ފޮށިގަނޑު ޓެކްސްޓް ފޮތް ހިމެނެއެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ސްކޫލުގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެހެން ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.


