އިރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިރާގުގެ އުޅަނދުފަހަރު އެ ކަނޑުއޮޅިން ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި، ހުރަސްތައް ކުރިމަތިކުރާނީ ހަމައެކަނި "ދުޝްމަން ގައުމުތަކަށް" ކަމަށެވެ. އިރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މި ނިންމުމަކީ އިރާގުގެ އިސްތިގުލާލަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުން ނިންމި ނިންމުމެކެވެ.
އިރާނުން މި ލުއި ދީފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނުން އެ ސަރަހައްދުގެ ކޮންޓްރޯލް ދޫކޮށްލުމަށް ނުވަތަ އެއްބަސްވުމަކަށް އައުމަށް އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ 48 ގަޑިއިރު ތެރޭގައި އެއްބަސްވުމަކަށް ނައިސްފިނަމަ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ. ނަމަވެސް އިރާނުން ވަނީ ޓްރަމްޕްގެ މި އިންޒާރަކީ "ނުކުޅެދޭ، މޮޔަ" އަމަލެއްގެ ގޮތުގައި ސިފަކޮށް އެކަން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އިރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި ކަނޑުއޮޅި އޮތީ ބަންދުވެފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ބްރެންޓް ކުރޫޑް ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 109 ޑޮލަރަށްވުރެ މަތީގައެވެ.
ޝިޕިންގް ޑޭޓާތަކުން ދައްކާގޮތުގައި، މިދިޔަ ހަފްތާގައި 53 އުޅަނދެއް މި ކަނޑުއޮޅި ހުރަސްކޮށްފައިވެއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނަ އުޅަނދު ދަތުރުކުރި ހަފްތާއެވެ. އޭގެ ތެރޭގައި ފްރާންސާއި ޖަޕާނުގެ އުޅަނދުތައްވެސް ހިމެނެއެވެ.
މި ހަނގުރާމައިގެ ސަބަބުން އިރާގުގެ ތެޔޮ އުފެއްދުމަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އިރާގުގެ އޮއިލް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ކުރިން ދުވާލަކު އެތައް މިލިއަން ފީފާއެއް އުފައްދަމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު ވަނީ 1.2 މިލިއަން ފީފާއަށް ދަށްވެފައެވެ. އިރާނުން ދިން މި ހުއްދައާއެކު އިރާގުގެ އިގްތިސާދަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.


