Tuesday, 28 July 2026

އޭޕްރީލް 5 އަދި 6 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި

2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 5 ވާ އާދީއްތަ ދުވަހާއި، އެޕްރީލް 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓުލުން މިއަދު (4 އޭޕްރީލް 2026) ކުރިއަށްދާތީއެވެ. މި އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި، ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާތީ، އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދުވަސްތައް ބަންދުކޮށްދިނުމަށް އެދިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވަނީ، ވޯޓުލުމަށްފަހު ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި، ވޯޓު ފޮށިތަކާ ގުޅޭ އެންމެހާ ކަންކަން ނިންމުމަށް މުވައްޒަފުންނަށް ވަގުތު ބޭނުންވާނެތީ، އޭޕްރީލް 5 ވާ އާދީއްތަ ދުވަސް ބަންދުކޮށްދިނުމަށެވެ. މީގެ އިތުރުން، އިންތިޚާބަށްފަހު ކުރަންޖެހޭ މުހިންމު އެހެނިހެން މަސައްކަތްތައް ނިންމުމަށްޓަކައި އޭޕްރީލް 6 ވާ ހޯމަ ދުވަސްވެސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެ ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެދިވަޑައިގަތުމާ އެއްގޮތަށް، ރައީސުލްޖުމްހޫރިއްޔާ މި ދެ ދުވަސް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ހަމަޖެއްސެވީ، އިންތިޚާބުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންނަށް ލުއިފަސޭހަކޮށްދެއްވުމަށާއި، އިންތިޚާބުގެ އެންމެހާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފުރުޞަތު ދެއްވުމުގެ މަޤްޞަދުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *