Tuesday, 28 July 2026

ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުލުމުގެ ވަގުތު މިއަދު ހަވީރު 5:00 އާ ހަމައަށް އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަފިއެވެ. މިގޮތަށް ނިންމެވީ މޫސުން ހޫނުވުމާއި ކިއުތައް ދިގުވުމުގެ ސަބަބުން ގިނަ ބަޔަކަށް ވޯޓުލުމަށް ދަތިތަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު މެންދުރު 2:00 އާ ހަމައަށް ޖުމްލަ 131,947 މީހުން ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 63,175 އަންހެނުންނާއި 68,772 ފިރިހެނުންނެވެ. މި އިންތިޚާބުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާއިރު، އަދިވެސް ބޮޑު އިންސައްތައެއްގެ މީހުން ވޯޓު ނުލާ ތިބުމާއެކު، ކިއު ބަންދުކުރުމުގެ ކުރިން ވީހާވެސް އަވަހަކަށް ވޯޓުލާން ނިކުތުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ވަގުތު އިތުރުކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނީ، އިތުރުކުރި ވަގުތު ހަމަވުމަށްފަހު އެއްވެސް މީހަކަށް އަލުން ކިއުއަށް އެރުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. ވޯޓު ފޮށިތައް ބަންދުކުރާނީ 5:00 ޖަހާއިރު ކިއުގައި ތިބި މީހުން ވޯޓުލާ ނިމުމުންނެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތް ފަށާނީ ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މި އިންތިޚާބަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. ކޮންމެ ވޯޓުލާ މަރުކަޒެއްގައި ތިން ވޯޓުފޮށި ބަހައްޓާފައި ހުންނާނެއެވެ. އެއީ ކައުންސިލް އިންތިޚާބަށް ޚާއްޞަ ފޮއްޓަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ޚާއްޞަ ފޮއްޓެއްގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް ޚާއްޞަ ފޮއްޓެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *