މާލޭ ޓެކްސީ ލައިންގެ ހިދުމަތަށް ސަރުކާރުން ގެނައި ކާރުތަކުގެ ތެރެއިން، ދެ ކާރު ވިލިމާލޭގައި ހިދުމަތް ދިނުމަށް އެރަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. ވިލިމާލެއަށް ފޮނުވާފައި ވަނީ ލޫމިން މޮޑެލްގެ ދެ ކާރު ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތީން ތައާރަފުކުރެވުނު ހިދުމަތެކެވެ. އެމްޓީސީސީ އާ ހަވާލުކުރެވިގެން ދެވޭ މި ހިދުމަތުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ، ރައްކާތެރި، ހަރުދަނާ، ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
މި ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ޖުމްލަ 150 ކާރު ބޭނުން ކުރުމަށް ހަމަޖެހިފައިވާއިރު، މިއީ މާލޭގެ ހަނިގޯޅިތަކުން ވެސް ފަސޭހައިން ދަތުރުކުރެވޭނެ ފަދަ ކާރުތަކެކެވެ. ތިން މީހުންގެ ޖާގައިގެ މި ކާރުތަކަކީ ތިމާވެއްޓާއި ރައްޓެހި، އިލެކްޓްރިކް ވެހިކަލްތަކެކެވެ. އަދި މި ކާރުތަކުގައި ކުދި ލަގެޖު އުފުލުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ ވިދާޅުވީ، "މާލެ ސަރަހައްދުގައި މެދުނުކެނޑި 24 ގަޑިއިރު ޓެކްސީގެ ހިދުމަތް ރައްޔިތުންނަށް ލިބޭނެ" ކަމަށެވެ. މި ހިދުމަތް ފޯރުކޮށްދޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރަސްމީ އަގުތަކާ އެކުގައެވެ.
މި މަޝްރޫއަކީ ރައީސްގެ ތަސައްވަރާ އެއްގޮތަށް ރާއްޖޭގެ ކާބަން ފުޓްޕްރިންޓް ދަށްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. ސަރުކާރުގެ އަމާޒަކީ މުސްތަޤްބަލުގައި މި ހިދުމަތް އިތުރަށް ފުޅާކުރުމެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި ވެސް މި ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.


