Tuesday, 28 July 2026

މިއަދުގެ އިންތިހާބުތަކުގައި ރައީސް ޔާމީން އާއި ޒަރިޔަންދު ވޯޓުލައްވައިފި

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން އަދި ނިޒާމީ ވޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓު ލައްވައިފިއެވެ. ރައީސް ޔާމީން ވޯޓުލައްވާފައި ވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އެމަނިކުފާނުގެ އަރިހުގައި ދަރިކަލުން އަދި ޕީއެންއެފްގެ ނައިބު ރައީސް ޒޭން އަބްދުﷲ ޔާމީން ވެސް ވަނީ ވޯޓު ލައްވާފައެވެ.

ވޯޓުލުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ހުރިހާ ރައްޔިތުންވެސް ވޯޓުލާން ނުކުތުމަށް އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ސިޔާސީ ކުރިމަގު ބައްޓަންވެގެންދާނެ މުހިންމު ވޯޓެއް ކަމަށާއި، ޖިސްމާނީ ގޮތުން ކެރިކުޅަދާނަ ހުރިހާ ފަރާތްތަކުން ވޯޓުލާން ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ވޯޓަކީ ހަމަ ރާއްޖޭގެ ވީހާ ގިނަ ރައްޔިތުން ލައްވާ، ދައުލަތުންނާ އިލެކްޝަން ކޮމިޝަނުން މަސައްކަތް ކޮށްގެން މީހުން ނެރެން ޖެހޭ ވޯޓެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ބައެއް ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ. އެގޮތުން އާންމުން ހޭލުންތެރިކުރުވުމަށް އެދެވޭ މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، ރެފަރަންޑަމް ވޯޓު ކަރުދާސް ފަރުމާކޮށްފައިވަނީ އޮޅުން އަރާފާނެ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޭރު ގައުމުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމުގެ ސަބަބުން ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލިފައިވާ ކަމަށްވެސް ޔާމީން ފާހަގަކުރެއްވިއެވެ.

މިއަދުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މިނިވަން ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު ވެސް ވަނީ ވޯޓު ލައްވާފައެވެ. ޒަރިޔަންދު ވޯޓު ލައްވާފައި ވަނީ އިސްކަންދަރު ސުކޫލުގައި ހުރި ވޯޓު ފޮއްޓަށެވެ. އޭނާ ވޯޓުލާ މަރުކަޒަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *