Tuesday, 28 July 2026
ސަރުކާރުގެ އިލެކްޓްރިކް ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފަށައިފި

މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓެކްސީގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ތައާރަފުކުރި އިލެކްޓްރިކް ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް މިރޭ އިފުތިތާހުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މިރޭ ދަމުން ފެށިގެން 24 ގަޑިއިރު ހިދުމަތް ލިބޭނެއެވެ.

މި ހިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރަހުމަތްތެރި 150 އިލެކްޓްރިކް ވެހިކަލް (އީވީ) އެވެ. މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރުތަކާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރުތައް ހިމެނޭހެން ތިން ސައިޒެއްގެ އުޅަނދު ހިމެނެއެވެ. ހިދުމަތް ހޯދުމަށް ހާއްސަ ހޮޓްލައިން ނަންބަރެއްގެ ގޮތުގައި 1655 ވަނީ ކަނޑައަޅާފައެވެ.

މި ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރި ނަމަވެސް މިހާރު ހިދުމަތް ދޭ ފަރާތްތަކަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައިވެސް މި ހިދުމަތް ފަށާނެ ކަމަށް މިނިސްޓަރު އިއުލާނު ކުރެއްވިއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ހިދުމަތެކެވެ. ސަރުކާރުން މި ހިދުމަތް ފަށާފައި މިވަނީ، މާލެފަހި ޕްރޮގުރާމުގެ ތެރެއިން ޓެކްސީ ލައިން ތައާރަފުކުރަން ނިންމުމުން ޑްރައިވަރުން ކުރި އިހުތިޖާޖާ ގުޅިގެން އެ ނިންމުން މަޑުޖައްސާލުމަށްފަހު، އަލުން އެ ނިންމުން ބަދަލުކޮށްގެންނެވެ.

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޓެކްސީ ލައިންގައި ބޭނުންކުރާ އުޅަނދުތައް ބައްލަވާލައްވާފައެވެ. މި މަޝްރޫއަކީ މާލޭގެ ޓްރެފިކް މައްސަލަތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *