Tuesday, 28 July 2026
މާލޭ ސްކޭޓް ޕާކް----ފޮޓޯ:ރައީސްއޮފީސް

މާލޭ ސަރަހައްދުގައި ތަރައްގީކުރި ސްކޭޓިން ޕާކު ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވައިފި

މާލޭ ސަރަހައްދުގައި އަލަށް ތަރައްގީކުރި ސްކޭޓިން ޕާކުގެ މަސައްކަތް ނިންމައި، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެތަން ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މިއަދު ހަވީރު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުންނެވެ.

މި ރަސްމިއްޔާތުގައި ސްކޭޓިން ރިންގު ބޭނުންކުރާ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ބައިވެރިވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކުދިންނާއެކު ހާއްސަ ފޮޓޯއެއް ނަންގަވާފައެވެ. މިއީ މާލޭ ސަރަހައްދުގައި މި ކުޅިވަރަށް ހާއްސަކުރެވިގެން ހުޅުވުނު މިފަދަ ފުރަތަމަ އެރީނާއެވެ.

މި ސްކޭޓިން ޕާކުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އާރްސީސީ ކުންފުނީގެ އިޖުތުމާއީ ޒިންމާ (ސީއެސްއާރް) ގެ ދަށުންނެވެ. ޖުމްލަ ފަސް މަސްދުވަހުގެ ތެރޭގައި ނިންމާލި މި މަޝްރޫއުގެ ދަށުން، ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ސްކޭޓިން ރިންގުގެ މަސައްކަތް ނިންމާފައިވާއިރު، ބާކީ ދެ މަސްދުވަހުގެ ތެރޭގައި މުޅި ސްކޭޓިން ޕާކުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މި ޕާކާއެކު ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވާނެ ކަމަށެވެ. އަދި "މި އެރީނާގެ ސަބަބުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރެވޭ މިންވަރަށް ޒުވާން އެތުލީޓުންގެ ހުނަރުތައް ތަރައްގީކުރުމަށް ބޮޑު ބާރަކަށް ވާނެ" ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއަށް ބިން ހަމަޖައްސަވައި، މަސައްކަތް އަވަސްކުރުމަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވީތީ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، މަސައްކަތް ނިންމުމުގައި އާރްސީސީއާއި ވުޒާރާގެ މުވައްޒަފުން ކުރި ބުރަ މަސައްކަތްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ސްކޭޓިންއަކީ ރާއްޖޭގައި މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރަކަށްވާތީ، ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައިވެސް މިފަދަ ސްކޭޓިން ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *