މާލޭ ބާޒާރުމަތީގައި މާރުކޭޓް ކޮމްޕްލެކްސް ތަރައްގީ ކުރަން ސޮއިކޮށްފިއެވެ.
މިއީ މަސްމާރުކޭޓާއި ތަރުކާރީ މާރުކޭޓް ހިމެނޭ އިމާރާތެވެ. މިހާރުގެ ދަތުރުވެރީންގެ މާރުކޭޓް ހުރި ބިމުގައި އަޅާ މި އިމާރާތަކީ ހަ ފަންގިފިލާގެ އިމާރާތެކެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ. އަދި ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓާ މުހައްމަދު އަބްދުލް ހާދީއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނި ގޮތުގައި މި އިމާރާތުގެ ގްރަންޑް ފްލޯގައި މަސް މާރުކޭޓެއް ތަރައްގީ ކުރާނެ އެވެ. އަދި ދެވަނަ ފްލޯ އާއި ތިންވަަ ފްލޯގައި ތަރުކާރީ މާރުކޭޓެއް ތަރައްގީ ކުރާއިރު ހަތަރުވަނަ ފްލޯ ހާއްސަ ކުރާނީ ފުޑް ކޯޓްތަކަށެވެ.
126,359,594.94 ރުފިޔާގެ މި މަޝްރޫއު ހަވާލުކުރެވިފައިވަނީ 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.


