Tuesday, 28 July 2026

އިސްރާއީލު ސިފައިން ލުބުނާނުގެ ދެކުނުގައި އެއްގަމު މަގުން ހަރަކާތްތެރިވާން ފަށައިފި

އިސްރާއީލުގެ އަސްކަރިއްޔާގެ 91 ވަނަ ބްރިގޭޑުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި އެއްގަމު މަގުން އަސްކަރީ އޮޕަރޭޝަންތަކެއް ފަށާފައިވާކަން އެ ގައުމުން މިއަދު އިއުލާންކޮށްފިއެވެ. އިސްރާއީލުން ބުނާ ގޮތުގައި މި ހަރަކާތްތަކުގެ ބޭނުމަކީ އެ ގައުމުގެ "ފޯވާޑް ޑިފެންސް ޒޯން" ފުޅާކުރުމެވެ.

އިސްރާއީލު އަސްކަރިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފާއިތުވި ދުވަސްތަކުގައި ފެށި މި އޮޕަރޭޝަނުގެ މައިގަނޑު މަގްސަދަކީ ހިޒްބުاللهގެ އިންފްރާސްޓްރަކްޗާ ނައްތާލުމާއި، އިސްރާއީލަށް އޮތް ނުރައްކާތައް ކުޑަކުރުމެވެ. އަދި މީގެ އިތުރުން ލުބުނާނުގެ ބޯޑަރު ކައިރީގައި ދިރިއުޅޭ އިސްރާއީލުގެ ރައްޔިތުންނަށް އިތުރު ސަލާމަތީ ރައްކާތެރިކަމެއް ކަށަވަރުކޮށްދިނުމަކީ ވެސް މި އޮޕަރޭޝަނުގެ އަމާޒެއް ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ 28 އިން ފެށިގެން އިސްރާއީލުން އެ ގައުމަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 850 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 66 އަންހެނުންނާއި، 107 ކުޑަކުދިންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ 32 މުވައްޒަފުން ހިމެނެއެވެ.

މި ހަމަލާތަކުގައި އިތުރު 2,105 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ލުބުނާނުގެ 800,000 އަށްވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ. އިސްރާއީލުން އެއްގަމު މަގުން ލުބުނާނަށް އަރާފައި މިވަނީ މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *