Monday, 26 October 2026
ފޮޓޯ: ސްޓިމްސަން ސެންޓަރ

ފާޑުކިޔުންތަކާއެކު ވެސް މިޔަންމާގެ އިންތިޚާބު ފަށައިފި

މިޔަންމާގެ އަސްކަރީ ސަރުކާރުން ޑިމޮކްރެޓިކް ވެރިކަމެއް އަލުން ގާއިމުކުރާނެ ކަމަށް ބުނެ ބާއްވާ އިންތިޚާބުގެ ފުރަތަމަ މަރުހަލާގައި އިއްޔެ ގިނަ ބަޔަކު ވޯޓުލައިފިއެވެ. މިއީ މީގެ ފަސް އަހަރު ކުރިން އިންތިޚާބީ ސަރުކާރެއް ވައްޓާލައި، ގައުމުގައި ދާޚިލީ ހަނގުރާމައެއް ފެށުނު ފަހުން ބާއްވާ ފުރަތަމަ އިންތިޚާބެވެ.

މި އިންތިޚާބު ކުރިއަށް ގޮސްފައިވަނީ ގައުމުގެ އެންމެ މަގުބޫލު ސިޔާސީ ޝަޚުސިއްޔަތު އަންގް ސަން ސޫކީ ޖަލުގައި ހުންނަވަނިކޮށް އަދި އެކަމަނާގެ ސިޔާސީ ޕާޓީ އުވާލާފައިވާ ދަނޑިވަޅެއްގައެވެ. އިންތިޚާބުގައި ވާދަކުރަނީ އަސްކަރިއްޔާއާ ގާތް ގުޅުމެއް އޮންނަ ޕާޓީތަކުން ކަމަށްވާއިރު، އިންތިޚާބަށް ހުރަސްއަޅައި ފާޑުކިޔާ އެތައް ސަތޭކަ ބަޔަކު ވަނީ އާ ގާނޫނެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

ގައުމުގެ ބޮޑު ބައެއްގައި ހަނގުރާމަ ހިނގަމުންދާތީ ބައެއް ސަރަހައްދުތަކުގައި ވޯޓުލުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. މިދިޔަ އަހަރު ހަނގުރާމަވެރި ގްރޫޕްތަކުން އަސްކަރިއްޔާއަށް ބޮޑެތި ނާކާމިޔާބީތަކެއް ކުރިމަތިކުރުވި ނަމަވެސް، ޗައިނާގެ ހަތިޔާރާއި އާ ސިފައިންނާއެކު އަސްކަރިއްޔާއިން ވަނީ ބައެއް ސަރަހައްދުތައް އަލުން ހިފާފައެވެ.

މި އިންތިޚާބާ ގުޅޭގޮތުން ޔަންގޫންގައި ދިރިއުޅޭ އެކައުންޓެންޓެއް ކަމަށްވާ ސޫ ބުނީ، ކުރީގެ އިންތިޚާބުތަކުގައި ވޯޓުލާން މާ ބޮޑަށް ބޭނުންވި ސަބަބަކީ އޭރު އިޚްތިޔާރު ކުރުމުގެ މިނިވަންކަން އޮތުމުން ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި މިފަހަރު އިލެކްޓްރޯނިކް މެޝިންތަކުން ވޯޓު ބަލައިގަންނަނީ ކޮންމެވެސް އެއް ޕާޓީއަކަށް ވޯޓު ދިނުމުން އެކަންޏެވެ.

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ އެޑްވައިޒަރު ރިޗަޑް ހޯސީ ވިދާޅުވީ، މިއީ އަސްކަރިއްޔާގެ ބާރު ދެމެހެއްޓުމަށް ހިންގާ އަމަލެއް ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުން މި އިންތިޚާބަށް ސައްހަކަން ދީގެން ނުވާނެ ކަމަށެވެ. އިންތިޚާބުގެ ގޮނޑިތަކުގެ ހަތަރުބައިކުޅަ އެއްބައި ވަނީ އަސްކަރިއްޔާއަށް ރިޒާވްކޮށްފައެވެ.

މިޔަންމާގެ ވިޔަފާރި މަރުކަޒު ކަމަށްވާ ޔަންގޫންގައި ދައުލަތުގެ މީޑިއާއިން އިންތިޚާބުގެ ޚަބަރުތައް ފަތުރަމުންދާއިރު، ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްދާ މި ވޯޓުލުން ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *