ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލުގެ ރަހީނުންގެ ބާކީ ހުރި ހަށިތައް ހޯދުމުގެ މަސައްކަތް ހަމާސް ޖަމާއަތުން އާ ސަރަހައްދުތަކަށް ފުޅާކޮށްފައިވާ ކަމަށް އެ ޖަމާއަތުން އާދިއްތަ ދުވަހު ބުނެފިއެވެ. ހަމާސް މިހެން ބުނެފައިވަނީ މި މަސައްކަތުގައި އެހީތެރިވުމަށް މިސްރުގެ ތަޖުރިބާކާރުންގެ ޓީމެއް ފޮނުވިތާ އެއް ދުވަސް ފަހުންނެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ނަން ނުޖެހުމުގެ ޝަރުތު މަތިން މައުލޫމާތު ދެއްވި މިސްރުގެ ދެ އޮފިޝަލަކު ވިދާޅުވީ، ހަމާސް އާއި އިސްރާއީލާ ދެމެދު ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ބައިނަލްއަގްވާމީ މެދުވެރިން ކުރާ މަސައްކަތުގެ ތެރެއިން، ޓްރަކްތަކާއި، ހެވީ ވެހިކަލްތަކާއި، އެކްސްކަވޭޓަރުތަކާއި ބުލްޑޯޒަރުތައް ހިމެނޭ ޖަމާއަތެއް ރޭ އިރުއޮއްސުމަށް ފަހު ޣައްޒާގެ ދެކުނަށް ވަދެފައިވާ ކަމަށެވެ. އަދި ބައެއް ފުޓޭޖްތަކުން ވަނީ ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގައި އެ ޖަމާއަތް ހަރަކާތްތެރިވާ މަންޒަރު ފެނިފައެވެ.
އެމެރިކާގެ މެދުވެރިކަމުގައި އޮކްޓޯބަރު 10 ގައި ވެވުނު ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ހަމާސްއިން ވީހާވެސް އަވަހަކަށް އިސްރާއީލުގެ ރަހީނުންގެ ހުރިހާ ހަށިތަކެއް އަނބުރާ ހަވާލުކުރަން ޖެހެއެވެ. އިސްރާއީލުން ވަނީ ރަހީނެއްގެ ކޮންމެ ހަށިގަނޑަކަށް ބަދަލުގައި ފަލަސްތީނުގެ 15 މީހެއްގެ ހަށިގަނޑު އަނބުރާ ހަވާލުކުރުމަށް އެއްބަސްވެފައެވެ. މިހާތަނަށް ހަމާސްއިން ވަނީ 18 ރަހީނެއްގެ ހަށިގަނޑު އަނބުރާ ހަވާލުކޮށްފައެވެ. ނަމަވެސް ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެއްވެސް ހަށިގަނޑެއް ހަވާލުކުރެވިފައެއް ނުވެއެވެ. އިސްރާއީލުން ވަނީ ފަލަސްތީނުގެ 195 މީހެއްގެ ހަށިގަނޑު އަނބުރާ ހަވާލުކޮށްފައެވެ.
ހަމާސްގެ ޣައްޒާގެ ވެރިޔާ، ޚަލީލް އަލް-ހައްޔާ ވިދާޅުވީ، އެ ޖަމާއަތުން އެންކްލޭވްގައި ބާކީ ތިބި 13 ރަހީނުންގެ ހަށިތައް ހޯދުމަށް އާ ސަރަހައްދުތަކުގައި އަތްފުނާ އަޅަން ފަށާފައިވާ ކަމަށެވެ. މި މައުލޫމާތު ހަމާސްއިން ހިއްސާކުރީ އިއްޔެ ފަތިހުއެވެ.
ހަމާސް އިން މިހެން ބުނެފައި މިވަނީ އެމެރިކާގެ ރައީސް ޓްރަމްޕް އަންނަ 48 ގަޑިއިރު ތެރޭގައި ހަމާސްއިން އިތުރު ހަށިތައް އަނބުރާ ހަވާލުކުރޭތޯ ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ހޮނިހިރު ދުވަހު ވިދާޅުވެ އިންޒާރު ދީފައި ވަނިކޮށެވެ.
"ބައެއް ހަށިތައް ހޯދަން ދަތި ނަމަވެސް އަނެއް ބައި ހަށިތައް މިހާރުވެސް ހަވާލުކުރެވިދާނެ، އަދި ބައެއް ސަބަބުތަކާ ހުރެ އެމީހުން އެކަން ނުކުރަނީ." ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވެއެވެ.
ނަމަވެސް އަލް-ހައްޔާ މިދިޔަ ހަފްތާގައި މިސްރުގެ މީޑިއާއަކަށް ވިދާޅުވީ، ހަށިތައް ހޯދުމުގެ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، އެ ހަށިތައް ބިންގަނޑުގެ އަޑިއަށް ވަޅުލެވިފައިވާތީ ކަމަށެވެ.
މި މަސައްކަތް ކުރިއަސް ދަނިކޮށް އިސްރާއީލުގެ ފައުޖުތަކުން ހޮނިހިރު ދުވަހުގެ ރޭވެސް ވަނީ ޣައްޒާގެ މެދުތެރޭގައިވާ ނުސައިރާތު ރެފިއުޖީ ކޭމްޕަށް ހަމަލާދީފައެވެ. މިއީ އެއް ހަފްތާގެ ތެރޭގައި ދިން ދެވަނަ ހަމަލާއެވެ. މި ހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާ ދިން އައުދާ ހޮސްޕިޓަލުން ބުނި ގޮތުގައި، ހަމަލާގައި ހަތަރު މީހަކަށް އަނިޔާވެފައިވެއެވެ.


