މާލެއިން ކ. އެރިޔަދޫއަށް ދަތުރުކުރަމުންދިޔަ އުޅަނދެއް ބަންޑުންޖަހައި ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ. އެމްއެންޑީއެފުން މިއަދު ހެނދުނު ދިން މައުލޫމާތުގައި ބުނެފައިވަނީ، ގެއްލުނު މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި "އަލްމާކް ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ އެ އުޅަނދުގައި ޖުމުލަ ހަތް މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން ތިން މީހުން ގެއްލިފައިވާ ކަމަށެވެ. މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 8:00 ޖެހި ފަހުންނެވެ.
އެ އުޅަނދު ބަންޑުންޖެހި ސަރަހައްދުގައި ކޯސްޓްގާޑުގެ އުޅަނދުފަހަރު މިވަގުތު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އަދި ގެއްލިފައިވާ އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ސަލާމަތީ ޚިދުމަތްތަކުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ އުޅަނދު ވަނީ އަޑިއަށް ގޮސްފައެވެ. މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ދޭނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.


