ހުޅުމާލޭގެ ވިޔަފާރި ބަނދަރުގައި ހުއްޓައި ވަގަށް ނެގި ސިނގިރޭޓުގެ ދެ ކޮންޓެއިނަރުގެ މައްސަލައިގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 6 މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.
އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އޮކްޓޯބަރު 8 ވަނަ ދުވަހު ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނުކަން ފާހަގަކުރެވުނު ވަގުތުން ފެށިގެން މައްސަލަ ބަލަމުން ގެންދިޔައެވެ. އެގޮތުން މި މަހުގެ 12 ވަނަ ދުވަހު 5 މުވައްޒަފުން ސަސްޕެންޑް ކުރުމަށްފަހު، މިއަދު އިތުރު މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓުން މިހާރުވެސް ދަނީ ތަހުގީގީ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. މީގެ އިތުރުން ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތްތައްވެސް ކުރިއަށްދެއެވެ.
ވަގަށް ނެގި ސިނގިރޭޓު ކޮންޓެއިނަރުތަކަކީ މީގެ ދެ މަސް ކުރިން، އޭޕްރީލް މަހު ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. މި ސިނގިރޭޓުތަކުގެ ޑިއުޓީއަށް 13 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ އަރައެވެ.
މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަމިއްލަ ވިޔަފާރިވެރިއެއް ކަމަށްވާ އަހުމަދު އާރިފް، މުހައްމަދު ވަހީދު، ކަސްޓަމްސްގެ ކުރީގެ ސީނިއަރ އޮފިސަރ މުއާޒު އަލީ އަދި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއަރ އޮފިސަރ، ހދ. ވައިކަރަދޫ ޒިވާރު އިސްމާއީލެވެ.
އެމްޕީއެލްއިން ބުނެފައިވާ ގޮތުގައި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކަސްޓަމްސް، ޑިފެންސް މިނިސްޓްރީ، ހޯމްލޭންޑް އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާތައް ފަށާފައިވެއެވެ. އަދި ބަނދަރުގެ ސެކިއުރިޓީއާއި ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.


