މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެއްގައި ހުރި ސިނގިރެޓް އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލްއިން ގެއްލިފައިވާ މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފިއެވެ. މީގެ ތެރޭގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހަކު ހިމެނެއެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އަހަރުގެ އޭޕްރިލް 13 ވަނަ ދުވަހު ކަސްޓަމްސްއިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރު އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލްގައި ބަހައްޓާފައި ވަނިކޮށް ވަގަށް ނެގި މައްސަލަ މި މަހުގެ 9 ވަނަ ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއްގެ ފުރުން ވަނީ މަނާކޮށްފައެވެ.
ކަސްޓަމްސްއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ސިނގިރޭޓު ކޭސްއެވެ. އަދި އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މި މައްސަލައިގައި ކަސްޓަމްސް އޮފިސަރެއްގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން އަންގާފައިވާ ކަމަށާއި، މިކަން ތަހުގީގަށް ކަށަވަރުވެއްޖެނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރިޔަށް ގެންދާ ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.


