Tuesday, 28 July 2026

ޝަރަމް އައް-ޝެއިޚްގައި ހިނގި އެކްސިޑެންޓާ ގުޅިގެން ރައީސް މުޢިއްޒު ޤަޠަރުގެ އަމީރަށް ތަޢުޒިޔާ ފޮނުއްވައިފި

ޝަރަމް އައް-ޝެއިޚްގައި މިއަދު ހިނގި ހިތާމަވެރި އެކްސިޑެންޓެއްގައި ޤަޠަރުގެ ތިން އޮފިޝަލުން ނިޔާވެ، އިތުރު ދެ އޮފިޝަލަކަށް އަނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އާލް ޘާނީއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މި އެކްސިޑެންޓަކީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ސަމިޓަށް ތައްޔާރުވަމުންދަނިކޮށް، އަމީރީ ދީވާނުގެ އޮފިޝަލުން ޑިއުޓީގައި ތިއްބާ ހިނގި ހާދިސާއެކެވެ.

ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ހާދިސާގެ ޚަބަރު ލިބިވަޑައިގަތުމުން ވަރަށް ބޮޑަށް ކަންބޮޑުވެ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

އަދި މި ހިތާމަވެރި ހާދިސާގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ރައްދުކުރައްވާ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ނިޔާވި އޮފިޝަލުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާ ކަމަށާއި، އަނިޔާވި އޮފިޝަލުން އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ މެސެޖުގައި ފާހަގަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *