އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށްގެންދާ ތަހުގީގެއްގައި ސުވާލުކުރުމަށް، އެމްޑީޕީގެ ސަރުކާރުގެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު އެ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ. އަމީރު ހާޒިރުކުރުމާ ގުޅިގެން އެމްޑީޕީގެ ސަޕޯޓަރުން ވަނީ އޭސީސީ އޮފީސް ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ.
އަމީރު އޭސީސީއަށް ހާޒިރުކުރުމާ ގުޅިގެން އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އާއި މެންބަރުންނަށް ފާޑުކިޔުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، 2019 އިން 2023 އަށް އޭނާ ފިނޭންސް މިނިސްޓަރުކަން ކުރެއްވީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ. އަދި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވި ގޮތުގައި، އޭސީސީގެ ރައީސާއި މެންބަރުން ވަޒީފާގެ ދިފާއުގައި "ބޭއިންސާފުން މީހުން ފްރޭމް ކުރަން" މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަސައްކަތް ހުއްޓާލުމަށް އޭނާ ގޮވާލައްވައެވެ. އަދި އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އާއި ފުލުހުންގެ އިދާރާއަށް ގެންގޮސް ބިރުދެއްކުމަށް މަސައްކަތް ކުރިޔަސް އެއްވެސް ބިރެއް ނުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް މާދަމާ ހެނދުނު 9:30 އަށް އޭސީސީއަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ.


