Tuesday, 28 July 2026

ޤައުމީ ޤުރުއާން މުބާރާތުގެ ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމަށް!

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމަށް ލިބިއްޖެއެވެ. އެގޮތުން ޙާފިޡުންގެ ގޮފިން މުޅި މުބާރާތުގެ އެއްވަނަ ހާސިލުކުރީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރެވެ.

މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކޮށްފައިވަނީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޢައިޝަތު ޝަބާއެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަޙްމަދު ޝައިމް ރިޒާއެވެ.

މިއަހަރުގެ މުބާރާތުގެ ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދެވިގެން ދިޔައެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލައާއި، 100,000 ރުފިޔާގެ ފައިސާގެ އިނާމާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީއެޗްޑީ އަށް ކިޔެވުމުގެ ސްކޮލަޝިޕް ހިމެނެއެވެ. މީގެއިތުރުން އިސްލާމިކް މިނިސްޓްރީން ދޭ 75,000 ރުފިޔާގެ ފައިސާގެ އިނާމާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދެއްވި ޢުމްރާ ދަތުރުވެސް ހިމެނެއެވެ.

ރޭ ބޭއްވުނު ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ރަންވަނަތަކަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *