ހުޅުމާލޭގައި މީހަކު ރަހީނުކޮށް، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި، މާރާމާރީ ހިންގައި، ފައިސާ އާއި އެހެނިހެން ތަކެތި ހޯދި މައްސަލައެއްގައި ދެމީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ގެއެއްގެ ތެރޭގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ގދ. ނަޑެއްލާ / ހިތަށްފިނިވާގެ، ޝަހުމީން ރަޝީދު (27އ) އެވެ.
ފުލުހުން ބުނާގޮތުގައި، މި ހާދިސާގައި އަނިޔާގެ ޝިކާރައަކަށްވި ފަރާތް ރަހީނުކުރުމަށްފަހު، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި، މާރާމާރީ ހިންގައި، އޭނާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި، ފޯނާއި ފައިސާ ވަނީ އަތުލާފައެވެ. އަދި އޭގެ އިތުރުން އިތުރު ފައިސާ ހޯދުމަށްވެސް މަސައްކަތްކޮށްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، އޮކްޓޫބަރު 4 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެއިންނެވެ. މި މައްސަލައިގައި ޝަހުމީން ރަޝީދު ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ. އަދި މުޙައްމަދު ޟަމީރުގެ މައްޗަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ކަނޑައަޅާފައެވެ.


