މީޑިއާތައް ރެގިއުލޭޓްކުރުމަށް އަލަށް އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މީޑިއާތަކުން ހޮވަންޖެހޭ ހަތަރު މެންބަރުން އިންތިޚާބަކާ ނުލައި ހޮވިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެއް ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމާ ގުޅިގެން، ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން ހޮވަންޖެހޭ މަޤާމުތަކަށް ކުރިމަތިލާފައިވަނީ ހަމަ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ.
މި ގޮތުން ބްރޯޑްކާސްޓިން ކެޓަގަރީން ހޮވިފައިވަނީ ށ. ފޭދޫ މޫނިމާގޭ އަބްދުލްއަޒީޒް އިބްރާހީމާއި ގދ. ތިނަދޫ މަލަ، ޒަމްއަތު އަހުމަދު ވަހީދެވެ. އަދި އޮންލައިން ކެޓަގަރީން ހޮވިފައިވަނީ ގދ. ރަތަފަންދޫ ވެލީގޭ ސިމާހާ ނަސީމާއި ހދ. ވައިކަރަދޫ ހިސާން، ހުސައިން ސަގީފެވެ.
ފުލްޓައިމްކޮށް މަސައްކަތްކުރަންޖެހޭ މި ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އިތުރު ތިން މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް މި ކޮމިޝަން އުފެއްދުމާ މެދު ނޫސްވެރިންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރަމުންދާއިރު، އޭގެ ތެރޭގައި ސަރުކާރުގެ ނިޒާމުގެ ތެރެއިން ނޫސްވެރިން ރެގިއުލޭޓްކުރެވޭ ގޮތަށް އޮތުމާއި، މަޖިލީހަށް މެންބަރުން ވަކިކުރުމުގެ ބާރު ލިބިދީފައިވުން ހިމެނެއެވެ.


