ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "ރާއްޖެ ބުކް އޮފް ރެކޯޑްސް" ތަޢާރަފުކޮށްފިއެވެ. މި ފޮތް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމެވެ.
ވީއެމްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި "ސަން، ސޭންޑް، އަދި ބީޗް" މަންޒިލެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް، ސްޕޯޓްސް ޓޫރިޒަމް ހިމެނޭހެން އެކި ދާއިރާތަކުން ރާއްޖޭގެ ތަފާތުކަން ދުނިޔެއަށް ދައްކުވައިދިނުމަށް މަގުފަހިކުރާނެ ކަމެކެވެ.
ވީއެމްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި މިއީ އަހަރަކަށްވުރެ ގިނަ ދުވަހުގެ މަސައްކަތުގެ ނަތީޖާއެކެވެ. އަދި ޖިނިސް ވޯލްޑް ރެކޯޑްސްގެ މިންގަނޑުތަކާ އެއްގޮތަށް ވެބްސައިޓާއި އެހެނިހެން ވަސީލަތްތައް ތައްޔާރުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ޖުމްލަކޮށް ހުރިހާ އެންމެންނަށްވެސް ބައިވެރިވެވޭގޮތަށް އަޅުގަނޑުމެން މި ރެކޯޑް މި ހުޅުވާލެވެނީ" ޝިއުރީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ތޯރިގު ވިދާޅުވީ، މި މަސައްކަތުން ފަތުރުވެރިކަމުގެ އިތުރުން އެހެން ސިނާއަތްތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ހަމައަށް ގިނަ ރެކޯޑުތައް މި ފޮތުގައި ހިމެނުމަކީ އެމަނިކުފާނުގެ އުންމީދެއް ކަމުގައި ވިދާޅުވިއެވެ.
ބުކް އޮފް ރެކޯޑްސްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ކައުންސިލްތަކާއި، ސްކޫލްތައް ހިމެނޭހެން ހުރިހާ ފަރާތްތަކަކަށް ހުޅުވާލާފައެވެ. އަދި ރެކޯޑް ހާސިލުކުރާ ފަރާތްތަކަށް ސެޓްފިކެޓަކާއި ހާއްސަ ކޮއިނެއް ދެވޭނެ ކަމަށް ވީއެމްސީން ވަނީ ހާމަކޮށްފައެވެ.


