މިހާރުގެ ސަރުކާރުން ފުލުހުންނާއި ސިފައިންގެ މުއައްސަސާ ސިޔާސީކޮށް ހަލާކުކޮށްފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. މިއީ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު، އެމްޑީޕީއަކީ އަބަދުވެސް ފުލުހުންނަށް ނަފްރަތުކުރާ ބައެއް ކަމަށް ވިދާޅުވުމާ ގުޅިގެން ދެއްވި ރައްދެކެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީއަކީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ޣައިރު ޤާނޫނީ އަމުރު ކުރުމާއި، އެ އަމުރުތައް ތަންފީޒުކުރުމަށް ވަޒީފާގެ ބިރުދައްކާ ޕާޓީތަކެއް ކަމަށެވެ. "އެއީ ވެރިކަމަށް އަންނަ ކޮންމެ ދައުރަކު ސިފައިންނާއި ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް، ދިވެހި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމަށް މަޖުބޫރުކުރާ ފިކުރެއް،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި، ޕީޕީއެމް ސަރުކާރުން ގެއްލުވާލި އިތުބާރު ފުލުހުންނާއި ސިފައިންނަށް އަނބުރާ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އަދި ފުލުހުންނާއި ސިފައިންނަކީ ޕްރޮފެޝަނަލް، ޝަރަފުވެރި އަދި ގަދަރުވެރި ބަޔަކަށް ހެދުމަށް ގިނަ ބަދަލުތަކެއް ގެނެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިހާރުގެ ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި މި ދެ މުއައްސަސާ ސިޔާސީކޮށް ހަލާކުކޮށްފައިވާ ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ. އަދި ހުދުމުހުތާރުކަން ދައްކައި، ސިފައިންނާއި ފުލުހުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރުކޮށްގެން ކުރައްވަނީ އެ މުއައްސަސާތަކަށް މަލާމާތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.


