Tuesday, 28 July 2026

މުދައްރިސުންގެ މަސައްކަތުގެ މާހައުލާއި ނަފްސާނީ ދުޅަހެޔޮކަން ހުރީ ކަންބޮޑުވާ މިންވަރެއްގައި: ދިރާސާ

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ 5 ވަނަ ދުވަސް ފާހަގަކުރަނީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހު މުދައްރިސުންގެ އަގުވަޒަން ކުރުމަށް ގިނަ މަސައްކަތްތަކައް ކުރެއެވެ. އެހެންނަމަވެސް އަހަރުގެ ބާކީ ދުވަސްތަކުގައި މުދައްްރިސުން އުފުލާ ބުރައާއި ތަހައްމަލްކުރަމުންދާ ކަންކަމަކީ އެންމެ ދުވަހަކުން ވާހަކަ ދައްކާލުމަށްފަހު ނިންމާލެވޭނެ ފަދަ ކަންކަމެއް ނޫނެވެ.

އެގޮތުން ދިވެހިރާއްޖޭގެ މުދައްރިސުންގެ މަސައްކަތުގެ މާހައުލާއި، އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރު ދެނެގަތުމަށް ކުރެވުނު އައު ދިރާސާއަކުން ވަރަށް ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ވަނީ ހާމަވެފައެވެ. ތެވެލި ކޮންފަރެންސް 2025 ގައި ހުށަހެޅި އާ ދިރާސާއަކުން ރާއްޖޭގެ މުދައްރިސުންގެ ސްޓްރެސް ލެވަލް މަތިވުމާއި، މާގިނައިން މަސައްކަތް ކުރުމާއި، ނަފްސާނީ ދުޅަހެޔޮކަން ދަށްވުމުގެ ދަތިކަން ބޮޑުވަމުންދާ ކަމަށް ވަނީ އަލިއަޅުވާލާފައެވެ.

ޤައުމީ ޔުނިވަސިޓީގެ ދެ ލެކްޗަރާއިން ކަމަށްވާ އާމިނަތު ނީނާ އާއި އާމިނަތު ނަޝީދާ ލިޔުއްވާފައިވާ “ޓީޗަރ ޕަރސެޕްޝަންސް އޮން ސްޓްރެސް ފެކްޓަރ އިމްޕެކްޓް އޮން ޓީޗިންގ ކޮލިޓީ” ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ދިރާސާގައި މަސައްކަތުގެ ބުރަތަކާއި، އެކަށީގެންވާ ވަސީލަތްތައް ނެތުމާއި، މުއައްސަސާތަކުގެ ސަޕޯޓް ނެތުމުން މުދައްރިސުންގެ ސިއްހަތާއި ހިތްވަރާއި ކިޔަވައިދިނުމުގެ ފެންވަރަށް ސީދާ އަސަރުކުރާ ގޮތް ދިރާސާކޮށްފައިވެއެވެ. އެގޮތުން ގްރޭޓާ މާލޭ ސަރަހައްދުގެ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގެ މުދައްރިސުންނާ ކުރި އިންޓަވިއުތަކެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި ގިނަ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތް ކުރަނީ ރަސްމީ ގަޑިއަށް ވުރެ މާ ގިނަ ވަގުތުއެވެ. މުދައްރިސުން ސިފަކުރި ގޮތުގައި ގިނަ ހަފްތާ ބަންދުތައްވެސް ނިމިގެންދަނީ އަރާމު ނުލިބި ގިނަ އިރުތަކެއް ވަންދެން މާކް ކުރުމާއި، ފިލާވަޅުތައް ތައްޔާރުކުރުމާއި، އިދާރީ މަސައްކަތްތައް ފުރިހަމަ ކުރުމުގައެވެ.

"ކްލާސް ނިމުމުން އަހަރެން އާންމުކޮށް މެންދުރު 3 ޖަހަންދެން މާކް ކުރަން، ދެން އަނެއްކާވެސް ހަވީރު އެނބުރި އައިސް ރޭގަނޑު 11 ޖަހަންދެން މަސައްކަތް ކުރަން.”މި ދިރާސާގެ އެއް ބައިވެރިއަކު ބުނެފައިވެއެވެ.

އިތުރު ބައިވެރިޔަކު ބުނިގޮތުގައި އައު މަންހަޖަށް ބަދަލު ގެނައުމަށްފަހު މުދައްރިސުންގެ މަސައްކަތުގެ ބުރަ ވަނީ ދެގުނަ ވެފައެވެ. މި ދިރާސާއިން ދައްކާގޮތުގައި ފަހުގެ މަންހަޖު އިސްލާހުތަކުގެ ސަބަބުން މެދުނުކެނޑި އެސެސްމަންޓްތަކާއި ލެވެލް ޑިސްކްރިޕްޓަރުތައް ތައާރަފް ކުރުމުން ޓީޗަރުންގެ އަތުން މާކިން އާއި ފީޑްބެކް ދޭންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.

މި ހޯދުންތަކުން ދައްކާގޮތުގައި މުދައްރިސުންގެ މަސައްކަތުގެ ބުރަ ދެގުނައަށް އިތުރުވެފައިވާއިރު މުސާރައާއި އިނާޔަތްތައް ވެސް ހުރީ ފައިދާކުރުވަނިވި ގޮތަކަށް ނޫނެވެ. އަދި ޗުއްޓީ ދުވަސްވަރު މުސާރަ އުނިކުރުމާއި އިތުރުގަޑީގެ މުސާރަ ނުލިބުމުން މާލީ ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް ގިނަ ބައިވެރިން ބުނެފައިވެއެވެ. ހަމައެހެންމެ މަސައްކަތުގައި ހޭދަކުރާ ގިނަ ވަގުތުތަކާއި، އިދާރީ ބުރަތަކާއި އަދި އެކިގޮތްގޮތުން ކުރިމަތިވާ ޕްރެޝަރުތަކާއި ގުޅިގެން މުދައްރިސުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވެއެވެ.

ދިރާސާވެރިން ފާހަގަކުރި ގޮތުގައި މި ހާލަތުގެ ސަބަބުން "މަސްލަޗް ބާންއައުޓް މޮޑެލް" އާއި އެއްގޮތަށް ކަންކަންވުމަށް މަގުފަހިވެއެވެ. އެއީ މަސައްކަތާ ގުޅުން ހުރި ސްޓްރެސްގެ ސަބަބުން ހާސްކަމާއި ޑިޕްރެޝަން އަދި ޖަޒުބާތީ ގޮތުން ވަރުބަލިވުން ފަދަ ނަފްސާނީ ސިއްހަތުގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމެވެ. އަދި މިކަން މިގޮތަށް ދިމާވާކަމަށް ގިނަ ބައިވެރިން އެއްބަސްވެފައި ވެއެވެ.

ވޯކްލޯޑް ޕްރެޝަރުގެ އިތުރުން މަސައްކަތުގެ މާހައުލުގެ ހާލަތު ދަށްވުމަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މި ދިރާސާގެ އެއް ލިޔުންތެރިޔާ، ނީނާ ވިދާޅުވިގޮތުގައި މާލޭ ސަރަހައްދުގެ ދުވަސްވީ ގިނަ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ ތަކެއްޗާއި، ޗާޕުކުރުމުގެ ވަސީލަތްތަކާއި، ސާފުތާހިރުކޮށް އަރާމުކުރާ ތަންތަން ފަދަ ކޮންމެހެން ބޭނުންވާ ވަސީލަތްތައް ލިބޭކަށް ނެތެވެ. އަދި ބައެއް ސްކޫލްތަކުގައި އަންހެން އަދި ފިރިހެން މުވައްޒަފުންނަށް ވަކި ފާހަނާއެއް ޤާއިމްކުރެވިފައިނުވާއިރު، ހުރި ފާހަނާތައްވެސް ރަނގަޅަށް ބެލެހެއްޓިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ސްކޫލްގެ މާހައުލްގައި މުދައްރިސުން ތިބުމަށް އެކަށީގެންވާ ތަންތަން ބެހެއްޓިފައިނުވާއިރު ސާފު ބޯފެން ލިބުން މަދުކަން ފާހަގަކުރެވިފައިވާކަމަށް ވެސް ނީނާ ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ލީޑަޝިޕްގެ އޮނިގަނޑުތައް ބަލިކަށިވުމާއި ސްކޫލް މެނޭޖްމަންޓާއި ޓީޗަރުންނާ ދެމެދު މުއާމަލާތް ނުކުރެވޭ ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. މި ދިރާސާގެ ބައެއް ބައިވެރިން ބުނިގޮތުގައި ސްކޫލްގެ ނިންމުންތައް ނިންމުމުގެ ޕްރޮސެސްތަކުން ބާކީވެފައިވާއިރު، މަސައްކަތުގެ އަގުވަޒަން ނުކުރާ ކަމަށާއި، މަސައްކަތުގެ މާހައުލުގެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަން ވެސް ބިރުގަންނަ ކަމަށެވެ. މިފަދަ ހާލަތްތަކުގެ ސަބަބުން ހިތްވަރު ދަށްވުމާއި، ޕްރޮފެޝަނަށް ކުރާ އިހުތިރާމް ދަށްވުމާއި، މުދައްރިސުން އެ މަސައްކަތް ދޫކޮށްލުމުގެ ފުރުސަތު މަތިވުމަށް މެދުވެރިވާ ކަމަށް ދިރާސާވެރިން ފާހަގަކުރި އެވެ.

މުދައްރިސުންނަށް މި ނިޒާމީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އަވަސް އިސްލާހުތަކެއް ގެނައުމަށްވެސް ދިރާސާގައި ލިޔުންތެރިން ލަފާދެއްވާފައި ވެއެވެ. އަދި މުސާރައިގެ ސިޔާސަތުތައް މުރާޖައާކޮށް، ޗުއްޓީ ދުވަސްވަރު ހާޒިރީ އިނާޔަތްތަކާއި، ހެލްތް އިންޝްއަރެންސް ކަށަވަރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ގޮވާލާފައެވެ.

ރާއްޖޭގައި ޓީޗަރުންގެ ދުވަސް ފާހަގަކުރާއިރު، މި ދިރާސާގެ ހޯދުންތަކަކީ ކޮންމެ ކްލާހެއްގެ ކާމިޔާބީގެ ފަހަތުގައި ތައުލީމީ ދާއިރާގެ ފަރާތްތަކުން ބޮޑެތި ސްޓްރެސްތަކާއި ޖަޒުބާތީ ވަރުބަލިކަމާ ކުރިމަތިލާން ޖެހޭކަން ހަނދާންކޮށްދިނުމެކެވެ. އަދި މުދައްރިސުންގެ ހެޔޮ ދުޅަހެޔޮކަން ރައްކާތެރިކޮށް، ޕްރޮފެޝަނަށް ކަރާމާތް އަލުން ހޯދުމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ތައުލީމީ ލީޑަރުންނާއި، މުޖުތަމައުތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ލިޔުންތެރިން އިލްތިމާސް ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *