Wednesday, 29 July 2026

48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިފަހުން، މިހާތަނަށް 385 މިލިޔަން ރުފިޔާ ދޫކޮށްފިން: ރައީސް

މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ނިޒާމުގެ ދަށުން މިހާތަނަށް 385 މިލިޔަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ އެންމެ ފަހުގެ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ ގޮތުން، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ނިޒާމު ވަނީ ތައާރަފުކުރައްވާފައެވެ. މި ނިޒާމުގެ ދަށުން ސަރުކާރު ބަންދު ދުވަސްތަކުގައިވެސް މަސްވެރިންނަށް ފައިސާ ދޫކުރެވެމުންދެއެވެ.

"އަޅުގަނޑުމެން މި ސަރުކާރާ ހަވާލުވިއިރު މަސްވެރިންނަށް ނުދެވި އޮތް 250 މިލިޔަން ރުފިޔާވެސް މިހާރު ވާނީ އެކުގައި ދައްކާ ނިންމާފައި. އޭގެ ފަހުން މިދަނީ ކޮންމެ ދުވަހަކުވެސް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުން," ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އެންމެ މުހިންމު އެއް އާމްދަނީގެ ވަސީލަތްކަމުގައި ހެދުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން އައިއެސްޑީބީގެ 65 މިލިޔަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ހުޅުމާލޭގައި ދުވާލަކު 35 ޓަނުގެ މަސް ޕްރޮސެސްކުރެވޭ މިންވަރުގެ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް މިފްކޯއިން ދަނީ ކުރިއަށެވެ.

މީގެއިތުރުން، މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އެކި ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ދަނީ ހިނގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *