މިއަދު ފަތިހު ހުޅުމާލޭ ހިތިގަސްމަގު ބްރިޖުން ވެއްޓުނު މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ފަތިހު 5:42 ގައެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެފައެވެ.
އަދި ފުލުހުންގެ އަވަސް މަސައްކަތުން އެ މީހާ ނެގުމަށްފަހު، ފަރުވާ ދިނުމަށްޓަކައި 6:13 ގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ބުނެފައިވެއެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ އެ މީހާގެ ހާލު ރަނގަޅުކަމަށް ބުނެފައެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.


