Tuesday, 28 July 2026

ރައީސް މުއިއްޒު ފަނޑިޔާރުންނަށް ބިރުދައްކަވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދު އިސްތިއުފާދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް ނިންމުމާ ގުޅިގެން، އެކަން ހުއްޓުވުމަށް ރައީސް މުހައްމަދު މުއިއްޒު ޤާނޫނުއަސާސީއާ ޚިލާފަށް ފަނޑިޔާރުންނަށް ބިރުދައްކަވަމުން ގެންދަވާ ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ފަނޑިޔާރު ސުއޫދުގެ އިސްތިއުފާ މިއައީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ ސަސްޕެންޑް ކުރެވިފައިވަނިކޮށެވެ. ނަމަވެސް ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބެލުން ހުއްޓުވުމަށް ސަރުކާރުގެ ނުފޫޒުން އެޅި ފިޔަވަޅެކެވެ

ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން، އެކަން ހުއްޓުވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ ޤާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. މީގެއިތުރުން ސުއޫދު ވިދާޅުވެފައިވަނީ، މި މައްސަލަ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ނިންމުމަށް ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ނ) އަދި (ރ) އާ ޚިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ."

އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" މިހެން ވިދާޅުވެ ސުއޫދު 4 މާރިޗު 2025 ގައި ރައީސް މުއިއްޒުއަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *