Tuesday, 28 July 2026

ޣައްޒާއަށް ހުއްޓުމެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފި

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އިސްރާއީލުން ހުއްޓުވާލުމާ ގުޅިގެން، އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، ހުއްޓުމެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދިޔަ ހަނގުރާމަ މެދުކަނޑާލައި، އިންސާނީ އެހީ ވެއްދުމުގެ ފުރުސަތު ދިނުމަށްފަހު، އަނެއްކާވެސް އެހީތައް އެތެރެކުރުން ހުއްޓުވާލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ.

"ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ރާއްޖެއިން ގޮވާލަމެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރުކުރުވުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލައިފައެވެ. މީގެއިތުރުން، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *