Tuesday, 28 July 2026

މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން މެންބަރު އަޒާން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބާރުގަދަ މުހިންމު ދެ ކޮމިޓީއަކުން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރުޒޫގު މިއަދު ވަކިކޮށް، އެ ކޮމިޓީތަކަށް ޕީއެންސީގެ އެހެން މެންބަރުން އައްޔަންކޮށްފިއެވެ.

މެންބަރު އަޒާން ކޮމިޓީތަކުން ވަކިކުރުމަށް ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށްޓަކައި ގާނޫނު ބަދަލުކުރުމާ ދެކޮޅު ހައްދަވައި، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ނެރުނު ވިޕްލައިންއާ ހިލާފުވެފައިވާތީއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އަޒާން ދެ ކޮމިޓީއަކުން ވަކިކޮށް، އެހެން ދެ ކޮމިޓީއަކަށް އައްޔަންކޮށްފައިވާކަން އިއުލާންކުރައްވާފައެވެ.

އަޒާން ކުރިން ހިމެނިވަޑައިގަތް މުހިންމު ދެ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއެވެ. މާލިއްޔަތު ކޮމިޓީއަށް އަޒާންގެ ބަދަލުގައި އައްޔަންކޮށްފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާނެވެ. އަދި 241 ކޮމިޓީއަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ އައްޔަންކޮށްފައެވެ.

މި ބަދަލާ ގުޅިގެން މެންބަރު އަޒާން މިހާރު ވަނީ ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒު ކޮމިޓީއަށް އައްޔަންކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *