Tuesday, 28 July 2026

ކަތިވަޅިއާއި ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު 4 މީހަކު ހައްޔަރުކޮށްފި

ކަތިވަޅިއާއި އެހެނިހެން ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 4 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ކުޑަކުއްޖަކު ލައްވާ މާރާމާރީ ހިންގުމަށް ކަތިވަޅި ދިން މީހަކުވެސް ހިމެނެއެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރެއްގައިވާ ގޮތުން، މއ. ރިހިވިލާ އަޙްމަދު މާނިއު (23 އަހަރު) ވަނީ ކުޑަކުއްޖަކު ލައްވާ މާރާމާރީ ހިންގުމަށް ދެ ކަތިވަޅި ދީފައެވެ. މި ކުށުގެ ސަބަބުން އޭނާ ވަނީ 16 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު އިތުރު މީހެއްކަމަށްވާ ގދ. ގައްދޫ ފަނޑުނުވާގޭ މުޙައްމަދު އަޔާން (18 އަހަރު) ހައްޔަރުކުރެވުނު އިރު ހުރީ ހެލްމެޓާއި މާސްކް އަޅައިގެންނެވެ. އޭނާ ހައްޔަރުކުރެވުނު ތަނުގައި ތިބި އިތުރު ދެ މީހެއްގެ އަތުން ކަތިވަޅިއާއި ކަށިގަނޑެއް ފެނިފައިވާ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަޔާން ވަނީ ފަސް ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. މީގެއިތުރުން، ދަފްތަރު ނަންބަރު 2383 މުލްހަމް މުޙައްމަދު ރިޔާޒް (18 އަހަރު) އާއި ގއ. ވިލިނގިލި ސޯސަންވިލާ ވިކާޝް އަޙްމަދު (18 އަހަރު) ވެސް ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައެވެ.

މި ދެ މީހުންނަކީވެސް ތޫނު ހަތިޔާރު ހިފައިގެން އަމަލީގޮތުން މާރާމާރީތަކުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންކަމަށް ފާހަގަކޮށް، މި ދެ މީހުންވެސް ވަނީ ފަސް ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ހައްޔަރުކުރެވުނު ހުރިހާ މީހުންގެ މައްޗަށްވެސް ފުލުހުން ތުހުމަތުކުރަނީ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ކުށުގެ ތުހުމަތުގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *