ރ އަތޮޅު ކައުންސިލުގެ އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.
އެ އަތޮޅުގެ ވެރިކަން ކުރާ ރަށް، އުނގޫފާރުގައި ހުންނަ އަތޮޅު ކައުންސިލުގެ އިދާރާ ގޯތި ތެރެއަށް ސިހުރު ހަދަނިކޮށް ފެންނަ ކަމަށް ބެލެވޭ ވީޑިއޯއެއް މި ފަހުން ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ މައްސަލަ ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ދެ މީހުންނަކީ އުނގޫފާރު، ރިވެލިގެ، މުހައްމަދު އަމްޖަދު، 61 އާއި ނަސީމީ ހިޔާ، މުހައްމަދު ވަހީދު 67، އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސިހުރުގެ ގިނަ މައްސަލަތަކެއް މިފަހުން ފެންމަތިވަމުން އަންނައިރު، ރަށްރަށުގައި ގިނަ އޮޕަރޭޝަންތަކެއް ވެސް ފުލުހުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.


