Tuesday, 28 July 2026

ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲއާ ބައްދަލު ކުރައްވައިފިއެވެ.

އަބްދުއްރަހީމްގެ ދަރިކަލުން ފައިސަލް އިބްރާހިމް، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރުމާ ގުޅިގެން  ރައީސް މުއިއްޒުއާ އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެ ބޭފުޅުން ބައްދަލުވެވަޑައިގަތް ނަމަވެސް ރަސްމީ މަޝްވަރާތަކެއް ދެ ބޭފުޅުންގެ މެދުގައި ހިނގިކަމެއް އެނގިފައެއް ނުވެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޢަބްދުއްރަހީމާ އެކު ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ އިތުރުން ވެސް މަޖިލީހާއި ގުޅިގެން ކުރެވިދާނެ މުހިންމު މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

"މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް."ހީނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒުއާއި އަބްދުއްރަހީމްއާ ގުޅުން ގޮސްވި ފަހުން ޕީއެންސީގެ ހަރަކާތްތަކުން ނުފެނި ދިއުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު އޭނާ ވަނީ ޕީއެންސީގެ ޖަގަހައަށް ވެސް ޒިޔާރަތްކުރައްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *