7 އޮކްޓޯބަރ 2024 – 7 އޮކްޓޯބަރ 2023 ގައި ފެށުނު އިސްރާއީލުގެ ގަދަ ހަމަލާތަކުގެ ހިތާމަވެރި އެއް އަހަރު ފާހަގަކުރާއިރު، ފަލަސްތީނު ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (ޕީސީބީއެސް) އާއި "ޔޫއެންއައި ޓީއޭއާރ" އިން ނެރެފައިވާ އައު ރިޕޯޓުތަކުން ދައްކާގޮތުގައި އިންސާނީ ފުރާނަތަކާއި އުމްރާނީ ވަސީލަތްތަކަށް ލިބިފައިވަނީ ނުހަނު ބޮޑު ގެއްލުމެކެވެ. އަދި މި ހާލަތު އިތުރަށް ގޯސްވެފައިވަނީ އަސާސީ ބޭނުންތަކުގެ އަގުތައް މައްޗަށް ދިއުމުންނެވެ. މިކަމުން ދައްކުވައިދެނީ މިހާރު ކުރިމަތިވެފައިވާ ހަނގުރާމައިގެ ތެރޭގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޖެނީވާ މުއާހަދާތަކާ ޚިލާފު ނުރައްކާތެރި ޢަމަލުތައް ހިންގަމުންދާކަމެވެ.
ގިނަ އަދަދެއްގެ ފުރާނަ ގެއްލުން:
މި ހަނގުރާމައިގައި ޣައްޒާގައި 41،909 ފަލަސްތީނުން މަރުވެފައިވެއެވެ. މީގެ ތެރޭގައި 16،927 ކުޑަކުދިންނާއި 11،487 އަންހެނުން ހިމެނެއެވެ. ވެސްޓް ބޭންކުގައި 743 ފަލަސްތީނުން މަރުވެފައިވެއެވެ. މީގެ ތެރޭގައި 160 ކުޑަކުދިން ހިމެނެއެވެ. ޒަޚަމްވި މީހުންގެ އަދަދު ވަރަށް ބޮޑެވެ:
• ޣައްޒާގައި 97،303 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި 6،168 ކުޑަކުދިން ހިމެނެއެވެ.
• ވެސްޓް ބޭންކުގައި 5،750 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި 660 ކުޑަކުދިން ހިމެނެއެވެ.
މި އަދަދުތަކުން ދައްކުވައިދެނީ އާންމު ރައްޔިތުންނަށް، ޚާއްޞަކޮށް ކުޑަކުދިންނާއި ނާޒުކު ހާލަތުގައި ތިބި މީހުންނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަމެވެ. އަދި މިއީ ހަނގުރާމައިގައި ބައިވެރިނުވާ މީހުން ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އެއްވެސް އިޙްތިރާމެއް ނުކުރާކަން ދައްކުވައިދޭ ކަމެކެވެ.
ގިނަ އަދަދެއްގެ މީހުން ގެދޮރު ދޫކޮށް ދިއުން:
މި ހިނގަމުންދާ އަނިޔާވެރިކަމުގެ ސަބަބުން 2،000،000 އަށްވުރެ ގިނަ ފަލަސްތީނުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާންޖެހިފައެވެ. މި މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ދިރިއުޅެމުންދަނީ ވަގުތީ ހިޔާވަހިކަމުގެ ތަންތަނުގައެވެ. އަދި މި މީހުންނަށް ކާނާއާއި، ސާފު ފެނާއި، ޞިއްޙީ ޚިދުމަތްތައް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ.


ހައްޔަރުކުރެވިފައިވާ މީހުން:
އިސްރާއީލުގެ ބާރުތަކުން ހައްޔަރުކޮށްފައިވާ ފަލަސްތީނުންގެ އަދަދު ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ މިންވަރަށް މަތިވެފައިވެއެވެ:
• ވެސްޓް ބޭންކުގައި 11،100 ފަލަސްތީނުން ހައްޔަރުކުރެވިފައިވެއެވެ.
• ޣައްޒާގައި 5،000 ފަލަސްތީނުން ހައްޔަރުކުރެވިފައިވެއެވެ.
ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރެވިފައިވަނީ ޤާނޫނީ އިޖުރާއަތުތަކާ ޚިލާފަށެވެ. މިއީ ހަނގުރާމައިގެ ތެރޭގައި އާންމު ރައްޔިތުން ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ޖެނީވާ މުއާހަދާތަކާ ޚިލާފު ކަމެކެވެ. ހައްޔަރުކުރެވިފައިވާ މީހުންނާމެދު އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގާކަމަށް ބުނެ ރިޕޯޓުކުރެވިފައިވާ ކަންކަމާ ގުޅިގެން ފުޅާ ދާއިރާއެއްގައި މިކަން ކުށްވެރިކުރެވިފައިވެއެވެ.
އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުން:
ޣައްޒާގައި ލިބިފައިވާ ގެއްލުމުގެ މިންވަރު ވަރަށް ބޮޑެވެ. އާންމު ރައްޔިތުންނަށް ބޭނުންވާ މުހިންމު ވަސީލަތްތައް ގަސްތުގައި އަމާޒުކޮށްގެން ހަލާކުކޮށްލާފައިވެއެވެ:
• 87،000 ގެ މުޅިން ހަލާކުކޮށްލާފައިވެއެވެ. އަދި 297،000 ގެއަށް އެކި މިންވަރަށް ގެއްލުން ލިބިފައިވެއެވެ.
• 25،010 ޢިމާރާތް ވަނީ ތަޅާލާފައެވެ. މިކަމުގެ ސަބަބުން ގުނަން ނޭނގޭހާ ގިނަ ޢާއިލާތަކެއް ވަނީ ގެދޮރު ގެއްލިފައެވެ.
ޞިއްޙީ ނިޒާމު ވަނީ އެއްކޮށް ހަލާކުވެފައެވެ:
• 34 ހޮސްޕިޓަލް މިހާރު ޚިދުމަތް ދެވޭ ހާލަތުގައި ނެތެވެ. އަދި 25 ހޮސްޕިޓަލަށް ވަނީ މިސައިލް ޖަހައިގެން ގެއްލުން ދީފައެވެ.
• 131 އެމްބިއުލާންސް ވަނީ ހަލާކުކޮށްލާފައެވެ. މިކަމުގެ ސަބަބުން ޒަޚަމްވާ މީހުން އުފުލުމުގެ ޤާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މި ގޮތަށް ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި މުވައްޒަފުންނަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ސީދާ ޚިލާފު ކަމެކެވެ.
ދީނީ އަދި ތަޢުލީމީ މަރުކަޒުތައް ހަލާކުކުރުން:
ރައްކާތެރި ތަންތަން ކަމުގައި ވާންޖެހޭ ދީނީ އަދި ތަޢުލީމީ ތަންތަނަށް ވެސް ހަމަލާދީފައިވެއެވެ:
• 610 މިސްކިތާއި 3 ޗާޗު ވަނީ ފުނޑުފުނޑުކޮށްލާފައެވެ.
• 122 ސްކޫލާއި ޔުނިވަރސިޓީ ވަނީ މުޅިން ހަލާކުކޮށްލާފައެވެ. އަދި 334 ސްކޫލާއި ޔުނިވަރސިޓީއަށް ވަނީ އެކި މިންވަރަށް ގެއްލުން ދީފައެވެ. މިކަމުގެ ސަބަބުން ހާހުން ގުނާ އަދަދެއްގެ ދަރިވަރުންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ގެއްލިފައިވެއެވެ.
މިފަދަ މަރުކަޒުތަކަށް ހަމަލާދިނުމުން ދައްކުވައިދެނީ ބައިނަލްއަޤްވާމީ ޤާނޫނުތަކުން ރައްކާތެރިކަން ދީފައިވާ ޘަޤާފީ އަދި ތަޢުލީމީ ޙައްޤުތަކަށް އެއްވެސް އިޙްތިރާމެއް ނުކުރާކަމެވެ.
މި ހުރިހާ ކަމަކުން ވެސް ދައްކުވައިދެނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުހަނު ހިތާމަވެރި ހާލަތެވެ. އަދި މިއީ އިންސާނިއްޔަތުކަމާ ދެކޮޅަށް ހިންގާ ޖަރީމާތަކެއްކަމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ސީދާ ޚިލާފު ޢަމަލުތަކެއްކަން އެނގެއެވެ. މިފަދަ އަނިޔާވެރިކަމެއް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ވަރަށް ސާފުކޮށް އެނގެއެވެ.
200 ސަރުކާރުގެ މައި އޮފީސްތައް ވަނީ ހަލާކުކޮށްލާފައެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ވެރިކަން ހިންގައި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޤާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.ގެއްލިފައިވާ މީހުން:
10،000 އަށްވުރެ ގިނަ ފަލަސްތީނުންގެ ޚަބަރެއް ނޭނގެއެވެ. މީގެ ތެރޭގައި 4،700 ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. ގިނަ މީހުން ހުރީ ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ޖެހިފައި ކަމަށް ބެލެވެއެވެ. ނުވަތަ މި ހަލަބޮލިކަމުގެ ތެރޭގައި ގެއްލިފައި ކަމަށް ބެލެވެއެވެ.އަސާސީ ބޭނުންތަކުގެ އަގު މައްޗަށް ދިއުން:
އިންސާނީ ގޮތުން ލިބެމުންދާ ގެއްލުމުގެ އިތުރުން، މި ހަނގުރާމައިގެ ސަބަބުން އަސާސީ ބޭނުންތަކުގެ އަގުތައް ވަނީ އުޑަށް އަރާފައެވެ. މުދާ އެތެރެކުރާ މަގުތައް ހަލާކުކޮށްލުމާއި، ބްލޮކޭޑްތައް ދެމެހެއްޓުމުގެ ސަބަބުން ކާބޯތަކެއްޗާއި، ފެނާއި، ތެލާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ހޯދުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. ގިނަ ޢާއިލާތަކަށް އެންމެ އަސާސީ ބޭނުންތައް ވެސް ފުއްދުމަށް ދަތިވެފައިވެއެވެ. މިކަމުގެ ސަބަބުން އިންސާނީ ހާލަތު އިތުރަތުރަށް ގޯސްވެފައިވެއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވުން:
އާންމު ރައްޔިތުންގެ ގެތަކާއި، ސްކޫލުތަކާއި، ހޮސްޕިޓަލުތަކާއި، އަޅުކަންކުރާ ތަންތަން ފުޅާ ދާއިރާއެއްގައި ހ ހަލާކުކޮށްލުމާއި، ގިނަ އަދަދެއްގެ މަޢުޞޫމު ރައްޔިތުން މެރުމުން ސާފުކޮށް އެނގެނީ އިސްރާއީލުން ޖެނީވާ މުއާހަދާތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވެފައިވާކަމެވެ. މި މުއާހަދާތަކުން ހަނގުރާމައިގެ ތެރޭގައި އާންމު ރައްޔިތުންނާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުން ރައްކާތެރިކުރުމަށް ވަކިން ޚާއްޞަކޮށް ބަޔާންކޮށްފައިވެއެވެ. މި ފަރާތްތަކަށް އަމާޒުކޮށްގެން ހަމަލާދިނުމުން ދައްކުވައިދެނީ އިންސާނިއްޔަތުކަމތުކަމުގެ މިންގަނޑުތަކަށް އެއްވެސް އިޙްތިރާމެއް ނުކުރާކކުރާކަމެވެ.


