Tuesday, 28 July 2026
ރައީސްއޮފީސް

ހުޅުމާލޭން ރޭސިން އަދި ޑްރިފްޓިން އަށް އެޗްޑީސީން ދީފައިވާ ހުއްދަ ބާތިލްކުރުމާ އެކު، ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް އަންގަވައިފި

ހުޅުމާލޭން ރޭސިން އަދި ޑްރިފްޓިން އަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ހުއްދަ ބާތިލްކުރުމާ އެކު، ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ނިންމަވައި އެ ފިޔަވަޅުތައް އިއުލާން ކުރައްވައިފި އެވެ.

ޓްރެފިކާ ގުޅޭ އުސޫލުތައް ހަރުކަށިކޮށް ވަރުގަދަކުރަން ގިނަ ކަންތައްތަކެއް ކުރުމަށް ރައީސް އެންގެވީ ބުރާސްފަތި ދުވަހުގެ ރޭ ހިނގައިިދިޔަ ޒުވާނަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓާއެކުގައެވެ.

ރޭސިން އަދި ޑްރިފްޓިން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމުގެ ހުއްދަ އެޗްޑީސީން ދީފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސްކޮޅުގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޫބަރު 19 އިގަ އެވެ. އެކަމަކު، އެ ހުއްދަ ވަގުތުން ބާތިލް ކުރުމާ އެކު ދެން ރައީސް މުއިއްޒު ރޭ އިއުލާން ކުރެއްވި ހަރުކަށި ފިޔަވަޅުތަކަކީ:

  1. މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.

  2. ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން.

  3. ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.

  4. ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.

  5. އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.

  6. ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން.

  7. ގްރެޖުއޭޓިން ލައިސަންސް ސިސްޓަމްއެއް ތައާރަފްކުރުމާއި ގަވާއިދާ ޚިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސުން ޕޮއިންޓް ކަނޑަން ފެށުން.

  8. މަގުމަތީގެ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.

މި ފިޔަވަޅުތައް ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިއުލާން ކުރެއްވީ، ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވެ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އާންމުންގެ ކަންބޮޑުވުމާއި ޝަކުވާ އޮއްސާލާފައި ވަނިކޮށެވެ. ހާއްސަކޮށް ސްޕޯޓްސް ކާރުތައް ކޮންޓްރޯލް ނުވެ، ހުޅުމާލޭގައި އެ ބިރުވެރިކަން އިންތިހާ އަށް އޮތް ކަން އާންމުން މިއަދު އައީ ސަރުކާރުގެ ސަމާލުކަމަށް ގެންނަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *