ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުގެ ބައްޕަ، އަބްދުއްސަލާމް އަލީ މިއަދު ހެނދުނު އަވަހާރަވެއްޖެއެވެ. މަރުހޫމް އަބްދުއްސަލާމް އަލީ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުގެ ލޮބުވެތި ބައްޕާފުޅު، އަބްދުއްސަލާމް އަލީ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަރުހޫމް އަބްދުއްސަލާމް އަލީއަކީ ހއ. ހޯރަފުށީގައި އިމާމުވެ ނަމާދުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވައި، ރައްޔިތުންގެ އިހްތިރާމް ހޯއްދަވާފައިވާ، ދީންވެރި އަދި ހުލްގު ހެޔޮ ބޭފުޅެކެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުގެ ބައްޕަ ނިޔާވުމާ ގުޅިގެން އެކި ފަރާތްތަކުން ޝުޖާޢަށް ދަނީ ތައުޒިޔާ ކިޔަމުންނެވެ.


