އަންހެން ކުއްޖަކު ރަހީނުކޮށްގެން އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުރި އާދަމް އަތުހަރު ހުރި ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓު ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެހާދިސާގައި އަންހެން ކުއްޖާ ސަލާމަތް ކޮށްފައިވަނީ އަތުހަރު ހުރި ސައިކަލު ފަހަތުން ދިޔަ ފުލުހުންތަކެއް އޭނާގެ ބޮލަށް މުގުރުން ހަމަލާދިނުމަށްފަހުއެވެ. އޭނާ ޖަލަށް ގެންދިޔައީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހުއެވެ.
ދޫނިދޫގައި ބަންދުގައި ހުއްޓާ އޭނަ ވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ.
ފުލުހުން މިއަދު ހިއްސާކުރި ޓައިމްލައިންގައި ވާގޮތުން ދޫނިދޫ ޖަލުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުނީ ރޭ 19:02 ގައެވެ. ހަމަ އެ މިނެޓުގައި ޖަލު ގޮޅި ހުޅުވައި އަތުހަރު ތިރީގައި ބޭއްވި ކަމަށާއި ތިން މިނެޓު ފަހުން ސްޓްރެޗާއަށް ލައިގެން އޭނާ ގޮޅިން ނެރެ 19:06 ގައި ދޫނިދޫ ކްލިނިކަށް ގެންގޮސް ޑޮކްޓަރު އޭނާގެ ހާލަތު ބެލި ކަމަށް އެ ޓައިމްލައިންގައި ބުންޏެވެ.
ޓައިމްލައިންގައިވާ ގޮތުން އޭނާ އިތުރު ފަރުވާއަށް އެމަޖެންސީކޮށް ލޯންޗުގައި މާލެ ގެންދެވިފައިވަނީ 19:14 ގައެވެ. އަދި 19:17 ގައި އައިޖީއެމްއަށް ގެންދިއުމަށް އެމްބިއުލާންސްއަށް އަރުވައި، 19:25 ގައި އައިޖީއެމްއެޗް އިމަޖެންސީގައި އަތުހަރުއަށް ފަރުވާދޭން ފެށި ކަމަށް ފުލުހުން ހިއްސާކުރި ޓައިމްލައިންއިން އެނގިގެންދެއެވެ.
މީގެ ކުރިން ފުލުހުން ވަނީ އަތުހަރު، ނަފުސާނީ ބައްޔާއި ނާރުގެ ބަލީގެ ޚާއްސަ ޑޮކްޓަރުންނަށް ދައްކައި، ތަހުލީލުތަކެއް ކޮށްފައެވެ. އެގޮތުން، އޭނަގެ އެއްވެސް ނަފުސާނީ އަދި ނާރުގެ ބައްޔެއް ވެސް ނެތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.


