އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ކައުންސިލްތަކަށް ފަޅުރަށް ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން، އެކަމަށް އެދި މިހާތަނަށް ހަތަރު ރަށަކުން ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިއެވެ.
އެ ޕްރޮޕޯސަލްތައް ކައުންސިލްތަކުން ހުށަހެޅިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
، މާލޭ ސިޓީގެ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މަސްވެރިކަމާއި، ދަނޑުވެރިކަން ފިޔަވާ އިތުރު މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް ބޭނުންވާ ފަޅުރަށްތައް ހޯދުމަށް ކައުންސިލްތަކުން ހުށައަޅުއްވައިފައިވާ ޕްރޮޕޯސަލްތަކުގެ ޓެކްނިކަލް މަސައްކަތް މިނިސްޓްރީން ވަރަށް އަވަހަށް ނިންމެވުމަށް ފަހު ރައީސުލްޖުމުހުރިއްޔާގެ އަރިހަށް ފޮނުއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ޓެކްނިކަލް މަސައްކަތް ކުރުމަށްފަހު، ހުށަހެޅުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށެވެ.
ކައުންސިލްތަކަށް ފަޅުރަށް ދޫކުރުމުގެ ގޮތުން ކުރަންޖެހޭ ގިނަ ކަންކަން މިހާރުވެސް ސަރުކާރުން އަންނަނީ ވަރަށް ހަލުވިކަމާއެކު ކުރައްވަމުންނެވެ. އެގޮތުން ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭނެ ގޮތުގެ ގަވައިދު މިހާރު ވަނީ ސިޓީތަކާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައެވެ. އަދި އިޚްތިޞާސުގައި ހިމެނޭ ރަށްތަކުން ފަޅު ރަށެއް ހޯދުން ނުވަތަ ކައިރީގައި ފަޅު ރަށް ނެތް ރަށްތަކަށްވެސް ފަޅު ރަށް ހޯދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައިއެވެ. އަދި މިގޮތަށް ދޫކުރުމަށް މިހާތަނަށް 25 ރަށުގެ ލިސްޓެއް ސަރުކާރުން ވަނީ ގެޒެޓުކޮށްފައެވެ.


