ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވައި ފިއްލެވުމުން، އެ ގައުމުގެ ވަގުތީ ސަރުކާރުގެ އެންމެ އިސްވެރިޔަކަށް ނޮބެލް އިނާމު ހާސިލްކުރެއްވި މުހައްމަދު ޔޫނުސް ހަމަޖައްސެވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަންގުލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރުގެ ގޮތުގައި ހުވާކުރެއްވުމުން ޔޫނުސްއަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ވިދާޅުވީ ދުވަސްވީ، ގާތް ރަހުމަތްތެރި ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ބަންގުލަދޭޝަށް އަބަދުވެސް އެދެނީ ފާގަތިކަމާއި ސުލްހަ އާއި ކާމިޔާބީއަށް ކަމަށެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އެންމެ އިސްވެރިޔަކަށް ހަމަޖައްސަވާނެ ބޭފުޅަކާއި މެދު ގޮތެއް ނިންމުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ފަސް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން މަޝްްވަރާ ކޮށްފައި ވެއެވެ. ރައީސްއާ އެކު ބޭއްވި މި މަޝްވަރާތަކުގައި ދަރިވަރުންގެ މުޒާހަރާގެ ލީޑަރުންނާއި، އެ ގައުމުގެ އަސްކަރިއްޔާގެ ތިން ޑިވިޝަންގެ އިސްވެރިންނާއި މަދަނީ ޖަމިއްޔާތަކުގެ މެމްބަރުންގެ އިތުރުން ބައެއް ވިޔަފާރިވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބަންގުލަދޭޝްގެ ކޮލެޖު އަދި ޔުނިވާސިޓީތަކުގެ ދަރިވަރުން ވަނީ ޖުލައި މަހުން ފެށިގެން އެ ގައުމުގެ އެއިރުގެ ބޮޑުވަޒީރު ޝެއިހު ހަސީނާއާ ދެކޮޅަށް މުޒާހަރާކުރަން ފަށައިފައެވެ. ހަސީނާގެ ސަރުކާރާ ދެކޮޅަށް ބަންގުލަދޭޝްގައި މުޒާހަރާތަކެއް ކުރަން ފަށައިފައިވަނީ އެ ގައުމުގެ ސިވިލް ސާވިސްގެ ވަޒީފާއަށް މީހުން ނެގުމަށް ރިޒާވް ސިސްޓަމްތަކެއް ހަމަޖެއްސުމާ ގުޅިގެންނެވެ. އެ ސިސްޓަމްގައިވާ ގޮތުން އެ ގައުމުގެ މިނިވަންކަމަށް މަސައްކަތްކުރެއްވި ބޭފުޅުންގެ އާއިލާގެ މީހުންނަށް ވަޒީފާ ދޭނެއެވެ. އެކަމާ ދެކޮޅަށް ބަންގުލަދޭޝްގައި އެންމެ ފުރަތަމަ މުޒާހަރާކުރީ އެ ގައުމުގެ ދަރިވަރުންނެވެ. ފަހުން އެ މުޒާހަރާތަކުގައި އެ ގައުމުގެ އާންމުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ހަމަނުޖެހުންތަކާއި އަލިފާނުގެ ހާދިސާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ބަންގްލަދޭޝްގައި އާ ސަރުކާރެއް އެކުލަވާލަން ޖެހުނީ އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހިންގި މި މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ހަސީނާ ފިއްލެވުމުންނެވެ.


