ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި އިންފޮމޭޝަން ކަމިޝަނަރުގެ އޮފީހާއި ގުޅިގެން މީޑިއާ އެތިކްސް ވޯރކްޝޮޕަކާއި ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމައިފިއެވެ.
މީޑިއާ ދާއިރާގައި އަޚުލާގު ބައްޓަންކުރަންވީ ގޮތާއި މުއާމަލާތްކުރުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މަގްސަދުގައި ބާއްވާ މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 7 އޮގަސްޓް 2024 ވާ ބުދަ ދުވަހުއެވެ.
މި ވޯކްޝޮޕްގައި އިސްލާމީ ނަޒަރަކުން މީޑިއާގެ އަޚުލާޤިއްޔަތަށް ބަލާލުމާއިއެކު މައުލޫމާތު ހޯދުމާއި ލިބިގަތުގެ ޤާނޫނަށް އަލިއަޅުވާލެވޭނެއެވެ. އަދި ވޯކްޝޮޕާއި ޕެނަލް ޑިސްކަޝަންގައި މީޑިއާގެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހޯދާފައިވާ ތަޖުރިބާކާރުން މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައިޔޫއެމްގެ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިންފޯމޭޝަން އޮފިސަރުންނާއި މިޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި ނޫސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތަތަކަށް ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ވޯކްޝޮޕްގެ އިތުރުން ބާއްވާ ޕެނަލް ޑިސްކަޝަންގައި އިޖުތިމާއި ހަމަޖެހުން ޤާއުމުކުރުމަށްޓަކައި ތަޢުލީމީ މީޑިއާގެ މުޙިއްމު ކަމާއި، ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމަށް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސްގެ ފަރާތުން އިސްނަގައިގެން ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވޯކްޝޮޕް އެޕްލިކޭޝަން ލިންކް ބޭނުންކޮށްގެން މިއަދުގެ 14:00 ގެ ކުރިން ފޯމް ހުށަހެޅުމަށް އައިޔޫއެމުން ވަނީ އެދިފައެވެ.


