Tuesday, 28 July 2026

ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާއީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާއީ އެއްބާރުލުން އިތުރުކުރުމަށް މިއަދު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންދިޔައީ އަހަރަކު އެއްފަހަރު ބާއްވާ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގެ ތެރެއިންނެވެ.

ޑިފެންސް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންހްގެ އިސްވެރިކަމުގެ ދަށުން ވަޑައިގެންނެވި ވަފުދާއެކު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އިންޑިއާގެ ހައިކޮމިޝަނަރު ޖީ ބަލަސުބްރަމާނިއަންއާއި އަސްކަރިއްޔާގެ އިސް ބޭފުޅުންނާއި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާގެ ވަފުދު ރާއްޖެ ވަޑައިގަތީ ދެ ގައުމުގެ މެދުގައި ބޭއްވޭ ހަވަނަ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ވަފުދަށް މަރުހަބާ ކިޔުމަށް ރޭ ބޭއްވި ހަފުލާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާއަކީ އަސްކަރީ ގޮތުންނާއި އެހެނިހެން ދާއިރާތަކުން ވެސް ރާއްޖެއަށް އެންމެ ގިނައިން އެހީތެރިވަމުން އަންނަ އެއް ގައުމެވެ. އަދި މިފަދަ ބައްދަލުވުންތަކަކީ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދިފާއީ އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ޑިފެންސް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *