Tuesday, 28 July 2026

ކެރެލާގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ އާއި ގުޅިގެން ރައީސްގެ ހަމްދަރުދީގެ މެސެޖެއް ބޮޑުވަޒީރު މޯދީއަށް

އިންޑިއާގެ ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވަޔަނާޑް ޑިސްޓްރިކްޓުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް މިއަދު ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިއަދު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެޤައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުނު ޚަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރައްވާފައި ވެއެވެ. އަދި އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތްޕުޅަށް ގެންނަވަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވައިފަ އެވެ.

"އަދި އެމަނިކުފާނުގެ މެސެޖުގައި މީހުން ސަލާމަތްކުރުމުގައި އެ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ މަސައްކަތް ކާމިޔާބުކަމާ އެކު އަވަސް ފުރުސަތެއްގައި ނިމިގެން ދިއުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވައި، ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *