Wednesday, 28 October 2026
BREAKING

ހިތަދޫގައި ހިންގި އޮޕަރޭޝަނުގައި އަންހެނެއް ފެންވަރަން ހުއްޓައި ފުލުހުން ވަދެފައެއް ނުވޭ: ފުލުހުން

އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަންހެނަކު ފެންވަރަން ހުއްޓައި ފުލުހުން ދޮރު ވައްޓާލާ ފާހާނާއަށް ވަތްކަމަށް ބުނާ މައްސަލަ ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިތަދޫގެ ގެއެއް އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެޕާޓްމަންޓަށް ފުލުހުން ވަނުމަށް ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުމުން ވެސް ދޮރު ނުހުޅުވުމުން، ފުލުހުން އެޕާޓްމަންޓަށް ވަދެފައި ވަނީ ބާރުގެ ބޭނުންކޮށް ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އެޕާޓްމަންޓުގެ ދެ ކޮޓަރިއެއްގެ ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުމުން ވެސް ދޮރު ނުހުޅުވުމުން އެ ދޮރު ވެސް ހުޅުވީ ބާރުގެ ބޭނުންކޮށްގެން ދޮރުގެ ތަޅު ހަލާކުކޮށްލުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.

"އޭގެ ތެރެއިން އެއް ކޮޓަރީގައި ފެންވަރައިގެން ނުކުމެ ހުރި އަންހެނަކު ހުރުމުން ފުލުހުން ވަނީ ދޮރު ލެއްޕުމަށް ފަހު، ކޮޓަރިން ނުކުތުމަށް ފުރުސަތު ދީފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަންގެ ތެރެއިން އެޕާޓްމަންޓުގެ ފާހާނައިގެ ދޮރު ވައްޓާލާފައި ވަދެފައި ނުވާނެ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައި ނުވާކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އަދި މި އޮޕަރޭޝަން ހިންގުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ރިވިއުއެއް، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ހަދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *