Tuesday, 28 July 2026
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އާރަށް މައްސަލަ: ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކި ބަލައިގަންނަން އެދި ޕީޖީން ސުޕްރީމް ކޯޓަށް

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ އާ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް އަދި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލަ ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުގެ ނިންމުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލު ކޮށްފައިވަނީ 18 އެޕްރީލް 2024 ދުވަހުއެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ އެ ހެކިތައް އެއްފަރާތް ކޮށްގެން ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ނިންމި ނިންމުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ނިންމުންތަކާ އަރާރުންވާ ގޮތަށް އޮތް ނިންމުމެއް ކަމަށެވެ.

ޕީޖީން ބުނެފައިވަނީ އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތެއް ކަމަށެވެ. އަދި އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އެންގި އެންގުމަކީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އަރާރުންވާ ނިންމުމެއް ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އަދި ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތުދީ، އެ ހެކިތަކާ ގުޅިގެން ދެފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތުދީ، އެ ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ކަނޑައެޅާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާނީ މައްސަލައިގެ ހެކިތަކާ ގުޅޭ ބައި އެކަނި ކަމަށެވެ. މި އިސްތިއުނާފުގެ ސަބަބުން، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *