މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރަން އުޅުމުގެ ތެރެއިން އަނިޔާވި، އުމުރުން 38 އަހަރުގެ މުހައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ ފަރުވާ ލިބުން ލަސްވުމަކީ ކަންބޮޑުވާކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.
އެޗްއާރްސީއެމް އިން މިއަދު ބުނީ ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން އަޒްމީލް ހައްޔަރުކުރުމަށް ފުލުހުން އެ ގެއަށްގޮސް ތިއްބާ، އެ ގޭގެ ކުޑަދޮރަކުން ނިކުމެ ފިލަން އުޅުމުގެ ތެރޭގައި އޭނާ މަގުމައްޗަށް ވެއްޓި އަނިޔާވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ބުނާ ހާދިސާ ދިވެހި ފުލުހުންގެ ހިދުމަތުން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އާއިލާގެ ފަރާތުން މަޢުލޫމާތު ހޯދައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަޢުލޫމާތު ހޯދުމަށް އެދިފައިވާނެ ކަމަށް އެޗް.އާރު.ސީ.އެމުން ވަނީ ބުނެފައެވެ.
އަދި ހާދިސާ ހިނގި ތަނަށް ޒިޔާރަތްކޮށް ސީސީޓީވީ ފުޓޭޖް ހޯދަމަށް މަސައްކަތްކޮށް، ކަސްޓަޑީގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފުޓޭޖް ބެލުމުގެ އިތުރުން، މި ހާދިސާގައި ހަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާނަމަ އޭގެ ފުޓޭޖް ޙިއްސާކުރުމަށްވެސް ފުލުހުންގެ އިދާރާގައި އެދިފައިވާނެކަމަށެވެ. މީގެއިތުރުންވެސް، މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ އިތުރު މައުލޫމާތު ކޮމިޝަނުން ހޯދަމުން އަންނަކަމަށް ވަނި ބުނެފައެވެ.
އެޗް.އާރު.ސީ.އެމުން ބުނީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތުގައި، މި ހާދިސާ ހިނގުމުން އާއިލާއިންވެސް މުޙައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ގެންދިޔުމަށް އެދިފައިވަނިކޮށް، ހޮސްޕިޓަލަށް ނުގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުން މުޙައްމަދު އަޒްމީލް ޖަލީލް އެ ދުވަހުގެ މެންދުރު 02:45 ގައި މާލެ ކަސްޓަޑީއަށް ގެންދިޔުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމަށް ވެހިކަލްއަށް އަރުވާފައިވަނީ 03:01 ގައި ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އޭނާ ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ ފަރުވާ ލިބުން ލަސްވުން އެއީ ކޮމިޝަނުން ކަންބޮޑުވާކަމެއްކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ވަނީ ހައްޔަރު ކުރުމުގެތެރޭގައި އެއްވެސް ފަރާތަކަށް އަނިޔާއެއްލިބި ސިއްހީފަރުވާ ބޭނުންވާ ހަލަތުގައި، އެ ފަރާތެއް ސްޓޭޝަނަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންދަން މީގެކުރިންވެސް ކޮމިޝަނުން ފުލުހުންނަށް ލަފާދީފައިވާނެކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ މި މައްސަލައިގެ ތަޙުޤީގު ވީހާވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ތަޙުޤީގު ނިމުމުން މައްސަލައިގައި ފާހަގަވާ ކަންކަން ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ.


