Tuesday, 28 July 2026
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް

މިނިވަން ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ރައީސް އާއި ނައިބު ރައީސް ފޮނުއްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ރައީސް މުޢިއްޒު މިނިވަންދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވީ މިއަދު މީސް މީޑިއާ މެދުވެރި ކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން ކުރެއްވި މި ޕޯސްޓުގައި އެމަނިކުފާނު ވަނީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުޢާދަންނަވާފައެވެ.

އަދި ނައިބު ރައީސް މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވީ ރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.

ނައިބު ރައީސްގެ މެސެޖުގައި ވަނީ މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތްކަމަށާ ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީވެސް މިނިވަންކަން އޮވެގެންކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ޤައުމެއް ކަމަށާއި، ރާއްޖޭގެ މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނުކުމެ ޤައުމު ސަލާމަތްކޮށްދޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދިވެހި މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި ވަރުގަދަ ބަޠަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީ ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަން ކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *